ފިލްމު ޗަކާޕްގެ ކާމިޔާބީއާއެކު ބަތަލާ ދީޕިކާ ޕަޑުކޯންއަށް ވަނީ ގިނަ ބައެއްގެ ލޯބި ލިބިގެންގޮސްފައެވެ.
އެސިޑްގެ ޝިކާރައަކަށްވި އަންހެނެއްގެ ރޯލުން އެފިލްމުގައި ދީޕިކާ ފެނިގެން ގޮސްފައިވާއިރު އެއީ މިހާތަނަށް ދީޕިކާގެ އެންމެ މޮޅު އެކްޓިން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މިއަހަރު ފިރިމީހާ ރަންވީރު ސިންގް އާއެކު ފިލްމު ދީޕިކާ ފެނިގެންދާނީ ކަޕިލް ދޭވްގެ ބައޯޕިކް ފިލްމު 83 އިންނެވެ. އެފިލްމަކީ އިންޑިއާއިން ފުރަތަމަ ފަހަރަށް ކްރިކެޓް ވޯލްޑްކަޕް ހޯދި ވާހަކައިގެ މައްޗަށް ހަދާ ފިލްމެކެވެ. ފިލްމުގައި ރަންވީރު ކަޕިލްގެ ރޯލުން ފެނިގެންދާއިރު ދީޕިކާ ފެނިގެންދާނީ ކަޕިލްގެ އަންހެނުންގެ ރޯލުންނެވެ.
ދީޕިކާ މިހާރު މިވަނީ ދެން އޭނާ ފެނިގެންދާނެ ފިލްމުވެސް އިއުލާންކޮށްފައެވެ. ހޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާ ފިލްމު ދަ އިންޓާންގެ ހިންދީ ރީމޭކް އަކީ އޭނާ ދެން ކުޅޭނެ ފިލްމު ކަމަށް ދީޕިކާ އިއުލާން ކުރީ އިންސްޓަގްރާމުގައި ޖެހި ޕޯސްޓެއްގައެވެ. ޕޯސްޓަރުން ފިލްމުގެ ބަތަލަކީ ރިޝީ ކަޕޫރުކަން ހާމަވާއިރު ފިލްމު ރިލީސްކުރަން ހަމަޖައްސާފައި ވަނީ އަންނަ އަހަރު ކަމަށް ވަނީ ބުނެފައެވެ.
ވަރަށް ފަހުން ބޮމްބޭ ޓައިމްސްއަށް ދީޕިކާ ދިން އިންޓަވިއެއްގައި ވަނީ ފިލްމު އިންޑަސްޓްރީގައި އޭނާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަދައްކާފައެވެ.
"އެއްވެސް ކަމެއް އައިސް އުނގަކަށް ނުވެއްޓޭނެ. ވަރަށް ބުރަ މަސައްކަތުން މިހިސާބަށް އާދެވިފައި މިވަނީ. ހާއްސަކޮށް މިހާރު މިކުޅޭ ކަހަލަ ފިލްމުތައް ކުޅުމަކީ ފަސޭހަ ކަމެއް ނޫން. އަބަދުވެސް މިބަލަނީ ކަންކަން ދަސްކޮށް، ހާލަތާ އެއްގޮތަށް ބަދަލުކޮށް އިތުރަށް ރަނގަޅު ކުރަންވީ ކަންކަން ރަނގަޅު ކުރުމަށް." ދީޕިކާ ބުންޏެވެ.
ދީޕިކާ އިތުރަށް ބުނީ އޭނާއަސް އަމާޒުވާ ފާޑުކިޔުންތައް އުފަލާއެކު ބަލައިގަންނަ ކަމަށާއި ފޭނުންގެ ފަރާތުން ލިބޭ ތަރުހީބާ ލޯތްބަކީ މި ދާއިރާގައި އޭނާ ކުރިއެރުމަށް ލިބޭ އެންމެ ބޮޑު ސަޕޯޓް ކަމަށެވެ.
ދަ އިންޓާނަކީ 2015 ވަނަ އަހަރު އެމެރިކާގައި ނެރުނު ކޮމެޑީ ފިލްމެކެވެ.