މިދިޔަ އަހަރު އެސްޓީއޯއަށް 422 މިލިއަން ރުފިޔާގެ ފައިދާވި ކަމަށް އެކުންފުނިން ބުނެފިއެވެ.
އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވީ މިދިޔަ އަހަރު އެސްޓީއޯއަށް ޓެކްސްއަށް ނުކަނޑައި، ފައިދާގެ ގޮތުގައި ލިބިފައިވަނީ 422 މިލިއަން ރުފިޔާ ކަމަށެވެ.
މިހާދު ވިދާޅުވީ އެ ކުންފުންޏަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 422 މިލިއަނަކީ 2018 ވަނަ އަހަރާ އަޅާ ކިޔާއިރު %68 ގެ ކުރިއެރުމެއް ކަމަށެވެ. އަދި އެސްޓީއޯއަށް ލިބުނު ފައިދާ މިވަރަށް އިތުރުވެގެން ދިޔައީ 2018 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެސްޓީއޯގެ މައި ހުރިހާ ކުންފުނިތަކަކުން ރަނގަޅު ކުރިއެރުންތަކެއް ލިބިގެން ކަމަށް ވެސް މިހާދު ވިދާޅުވިއެވެ.
މިދިޔަ އަހަރު އެސްޓީއޯ އިން ވިޔަފާރިކޮށްގެން ފައިދާގެ ގޮތުގައި ލިބުނީ 153 މިލިއަން ރުފިޔާ ކަމަށާއި އެއީ 2018 ވަނަ އަހަރަށް ވުރެ %13 އިތުރު އަދަދެއް ކަމަށް މިހާދު ވިދާޅުވިއެވެ. މީގެ އިތުރުން ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓް މިދިޔަ އަހަރު ހުރީ 500 މިލިއަނަށް ވުރެ މަތީގައިކަން މިހާދު ފާހަގަކުރެއްވިއެވެ. އަދި އެއީ އޭގެ ކުރީ އަހަރާ އަޅަބަލާއިރު %41 އިތުރު އަދަދެއް ކަމަށް މިހާދު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނިން ވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓާގެ ރިޕޯޓު ހިއްސާކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭ އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 358 މިލިއަން ރުފިޔާއެވެ.
ޖުމްލަ ގޮތެއްގައި މިދިޔަ އަހަރަކީ ފަހަކަށް އައިސް ކުންފުންޏަށް އެންމެ ކާމިޔާބު އެއް އަހަރުކަން މިހާދު ފާހަގަކުރެއްވިއެވެ.