އެސްޓީއޯ އިން އަންނަ މަހު ސްރީލަންކާއަށް ތެޔޮ ވިއްކަން ފަށާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އެސްޓީއޯ އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމްރު ވިދާޅުވީ ހަމައެކަނި ރާއްޖެއަށް ތެޔޮ އެތެރެ ކުރުމުގެ ބަދަލުގައި މިއަހަރު އަވަށްޓެރި ގައުމުތަކަށް ތެޔޮ ވިއްކަން ފަށާނެ ކަމަށެވެ.
"މިއަހަރު ތެރޭ ހަމައެކަނި ރާއްޖެއަށް ތެޔޮ އެތެރެ ކުރުމުގެ ބަދަލުގައި އެހެން އަވަށްޓެރި ގައުމުތަކަށް ތެޔޮ ވިއްކަން ފަށާނަން. އެގޮތުން ފެބްރުއަރީ މަހު ސްރީލަންކާއަށް ތެޔޮ ވިއްކަން ފަށާނަން،" އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން އެސްޓީއޯ އިން ގޭސް ސަޕްލައި ކުރުމުގެ ހިދުމަތް ފުޅާކޮށް ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ވެސް އަމްރު މައުލޫމާތުދެއްވިއެވެ. އަމްރު ވިދާޅުވީ ގދ. ތިނަދޫގައި ގޭސް ޕްލާންޓެއް އެޅުމުގެ މަސައްކަތް އެސްޓީއޯ އިން ކުރަމުން އަންނަ ކަމަށެވެ. އަދި ތިލަފުށީގައި މިހާރު ހިންގާ ގޭސް ޕްލާންޓުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.