ޑރ. މަރިޔަމް ޝަކީލާ

ޑރ ޝަކީލާއަށް ނުފޫޒު ގަދަ ލީޑަރުގެ އެވޯޑު ލިބިއްޖެ

މިންހާ ފާއިޒް ރަޝާދު

1

ޑރ. މަރިޔަމް ޝަކީލާއަށް އޭއޭސީއެސްބީ "އިންޓަނޭޝަނަލްގެ އިންފްލުއެންޝަލް ލީޑާ 2020" އެވޯޑު ލިބިވަޑައިގެންފިއެވެ.

މި އެވޯޑު ޝަކީލާ އަށް ލިބުނުކަން އިއުލާންކޮށްފައިވަނީ އޭއޭސީއެސްބީ އިންޓަނޭޝަނަލްގެ ވެބްސައިޓުގައެވެ. މިއަހަރު މިއެވޯޑު ވަނީ އެކި ގައުމުތަކުގެ 25 ފަރާތަކަށް ލިބިފަ އެވެ.

ޑރ. ޝަކީލާ އަކީ ރާއްޖޭގެ ސިމްޑީ ގުރޫޕްގެ ސީއީއޯއެވެ. އައްޑޫ ވިމެންސް އެސޯސިއޭޝަންގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް ހިންގަވަމުން ގެންދަވާ ޑރ ޝަކީލާ އަކީ އޮސްޓްރޭލިއާގެ ކާޓިއުން ޔުނިވާސިޓީގެ ސްކޫލް އޮފް މެނޭޖްމަންޓްގެ އެޑްވައިޒަރީ ބޯޑުގެ ވެސް މެންބަރެކެވެ. އަދި ކާޓިއުން ބިޒްނަސް ސްކޫލުގެ އެމްބީއޭ އެންޑް އެގްޒެކެޓިކް އެޑިއުކޭޝަންގެ ޗެއާވެސް މެއެވެ.

މީގެ އިތުރުން ޑރ ޝަކީލާ ގެންދަވަނީ ރާއްޖޭގައި ހުންނަވާ ބެލްޖިއަމްގެ އޮނަރަރީ ކައުންސިލްގެ މަގާމު ވެސް އަދާކުރައްވަމުންނެވެ. އޭނާ ވަނީ ރާއްޖޭގެ ހެލްތު މިނިސްޓަރު ކަމުގެ މަގާމާއި އެންވަޔަރަންމަންޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑައިބްލިއުއެޗްއޯޯ) ގެ އެގްޒެކެޓިވް ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމުވެސް ޑރ ޝަކީލާ ވަނީ ފުރުއްވާފައެވެ. ޔޫއެން ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން ފުރަތަމަ ވާހަކަދެއްކެވި އަންހެން ބޭފުޅަކީވެސް ޑރ ޝަކީލާއެވެ.

އިޖުތިމާއީ ގިނަ މަސައްކަތް ތަކެއް ކުރައްވާ ޑރ ޝަކީލާ އަކީ މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލާޝިޕްގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި މޯލްޑިވްސް ވުމެން ޗެމްބާ އޮފް ކޮމާސްގެ ރައީސާވެސްމެއެވެ. ޑރ ޝަކީލާ ގެންދަވަނީ ބައިނަލް އަގްވާމީ ގިނަ ޖަމިއްޔާ ތަކާއެކުވެސް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ޔޫއެން ވުމެންގެ މެންބަރުކަމުގެ މަގާމާއި، ސާކް ޗެމްބާ ވުމެން އެންޓެޕްރިނިއާސް ކައުންސިލްގެ އިންޓަނޭޝަނަލް އެގްޒެކެޓިވް ކައުންސިލް މެންބަރުކަމުގެ މަގާމުވެސް ގެންދަވަނީ ފުރުއްވަމުންނެވެ.

ޑރ ޝަކީލާ އަކީ ގިނަ ދާއިރާތަކަކުން ރާއްޖޭގެ އަންހެނުންނަށް ފުރުސަތު ހޯއްދަވައި ދެއްވައި އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ.

ޕަބްލިކް އަދި ޕްރިވެޓް ސެކްޓަރުގައި 30 އަހަރުގެ ތަޖުރިބާއާއެކު ޑރ. ޝަކީލާ އަށް ވަނީ ރާއްޖެއިންނާއި ބައިނަލްއަގްވާމީ ގޮތުން ގިނަ އެވޯޑުތަކެއްވެސް ލިބިވަޑައިގެންފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟