ފިލްމު ތަކުގެ އޮން ސްކްރީނުން މިދުވަސް ކޮޅު ސަނީ ލިއޯން ފެނިގެން ނުދިޔަ ކަމުގައި ވިއަސް އޭނާ އަންނަނީ ފިރިމީހާ ޑެނިއެލް ވެބޭއާއެކު ސައިކޮލޮޖިކަލް ތުރިލާއެއްގެ މަސައްކަތް ކުރަމުންނެވެ.
ޕްރޮޑިއުސަރުގެ ތޮފި މިވަގުތު އަޅައިގެން ހުރި ސަނީ ވަނީ ޑެއިލީ ނޫހަށް އެ ފިލްމާ ގުޅޭ ގޮތުން އިންޓަވިއު ދީފައެވެ. ސަނީ ބުނި ގޮތުގައި ފިލްމުން ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ. އެއީ ކުރަން ޖެހޭ ކަންކަން ހަމަޔަކަށް އެޅިފައި ވުމާއެކު އެކީގައި ރަނގަޅު މީހުން ތިބުމުން ކަމަށް ސަނީ ބުންޏެވެ.
ސަނީ އިތުރަށް ބުނީ އޭނާގެ "އީގޯ"އެއް ނެތް ކަމަށާއި، ސެޓުގައި ސައި ދޭން ޖެހުނަސް އެކަންވެސް ކުރާ ކަމަށެވެ. އެންމެންވެސް އޭނާއަށް ހަމަހަމަ ކަމަށް ސަނީ ބުންޏެވެ.
"ސަލްމާން، އާމިރު ނުވަތަ ޝާހު ނޫން ނަމަ ފިލްމު އެބަ ޖެހޭ ވަކި ބަޖެޓަކަށް ފިޓް ކުރަން. އަހަރެން މިހަދާ ފިލްމުގެ ބަޖެޓާއި ސްޓޯރީވެސް މިގެންދަނީ ކޮންޓްރޯލު ކޮށްގެން" ސަނީ ބުންޏެވެ.
އޮންސްކްރީނުންވެސް ސަނީގެ ބައެއް ފިލްމުތައް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި އެކްޝަން ފިލްމަކާއި، ޑްރާމާ ފިލްމްކާއި ބައްޕައާއި ދަރިއެއްގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެއް ވެސް އެބައޮތް ކަމަށް ސަނީ ބުންޏެވެ.