ކުރީގެ ރައީސް އަބްދުﷲ ޔާމީން

ބޭސް ފަރުވާއަށް ބޭރަށް ވަޑައިގަތުމަށް، ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފި

އިބްރާހިމް ޒަކީ

7

ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށް ބޭނުންފުޅުވާތީ، ހުކުމް ތަންފީޒު ކުރެއްވުން ފަސްކޮށް ދެއްވުމަށް، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ހައިކޯޓުގައި އެދިވަޑައިގެންފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅުވައިގެން ދައުލަތުން ކުރި، މަނީލޯންޑާ ކުރުމުގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ވަނީ ހުކުމް އިއްވައިފައެވެ.

ރައީސް ޔާމީން މިހާރު ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވަނީ އެ ހުކުމެވެ.

އެ ހުކުމާ ގުޅުގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި، ވާހަކަ ދެއްކެވުމަށް ހައިކޯޓުގެ ފަނޑިޔާރު ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ހިތުގެ ސީރިއަސް ބައްޔެއް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ އިތުރުން މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި ހިސާބުން ނަފުސާނީ މައްސަލައެއް ވެސް ދިމާވެފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ހުރިހާ ސިއްހީ މައްސަލަތަކަށް ފަރުވާ ލިބޭނީ ރާއްޖޭން ބޭރުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އޭގެ ތެރެއިން މައި ބަދައިގެ ކަށިގަނޑެއް ގުޑާފައިވާ މައްސަލައަކީ، އެކަމުގެ ޓެސްޓްވެސް ރާއްޖޭން ހެދެން ނެތް ކަމެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި ހިތުގެ މައްސަލައަށް ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން، ބޭސް ފަރުވާ ކުރެއްވުމަށް ޓަކައި، ޖަލު ހުކުމް ތަންފީޒު ކުރެއްވުން ފަސްކޮށް ދެއްވައި ކަފާލާތުގެ ދަށުން ދޫކޮށްދެއްވުމަށް ރައީސް ޔާމީން ހައިކޯޓުގައި އެދިވަޑައިގެންނެވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، މައްސަލައިގެ ތަހުގީގަށް ބަންދު ކޮށްފައި އެމަނިކުފާނު ދޫކޮށްލުމުން ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިނުގެންނެވީ، އެ މަނިކުފާނު ފިއްލެވީކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ދެކޭނެތީ ކަމަށްވެސް ވިދާޅުވިއެވެ.

ފަސް މިލިޔަން ޑޮލަރު ދެއްކުމަށް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމްގައިވާ ފައިސާ ޖަލުގައި ހުންނަވައިގެން ނުދެއްކޭނެ ކަމަަށްވެސް މިއަދުގެ ޝަރިއަތުގެ މަޖިލީހުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟