ވިޔަފާރި

ލ. އަތޮޅާއި އައްޑޫ ސިޓީ ބަލައިލަންދާން މޯލްޑިވިއަން ހޮލިޑޭސް އިން ހާއްސަ ޕެކޭޖުތަކެއް

މަރިޔަމް ޝަހުދާ

ލ. އަތޮޅާއި އައްޑޫ ސިޓީ ބަލައިލަން ދާން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަން ހޮލިޑޭސް އިން ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.

މޯލްޑިވިއަން އިން މައުލޫމާތު ދިން ގޮތުގައި މި ޕެކޭޖުތަކަކީ އެ ކުންފުނީގެ ހޮލިޑޭ ޑިޕާޓްމަންޓުގެ "މޯލްޑިވިއަން ހޮލިޑޭ" ގެ ދަށުން ތައާރަފު ކޮށްފައިވާ ޕެކޭޖުތަކެކެވެ. އަދި މިއީ މިޑްޓާމް ބަންދަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ ޕެކޭޖުތަކެއް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މީގެ ތެރެއިން ލ. އަތޮޅަށް ހާއްސަކޮށްގެން ތައާރަފު ކުރި ޕެކޭޖަކީ މާޗު މަހަށް ހާއްސަ ޕެކޭޖެއް ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ. މޯލްޑިވިއަނުން ބުނީ 4080 ރުފިޔާއިން ފަށާ މި ޕެކޭޖަކީ ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް ތައާރަފު ކޮށްފައިވާ ޕެކޭޖެކެވެ.

އެގޮތުން މި އަގުގެ ތެރޭގައި ދެމީހަކަށް ލ އަތޮޅަށް ދެކޮޅު ޓިކެޓުގެ އިތުރުން ހަ ދުވަހުގެ "ބެޑް އެންޑް ބްރެކްފާސްޓް" ހިމެނޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި މި ޕެކޭޖުގެ ދަށުން ދެ އަހަރުން ދަށުގެ ކުދިންނަށް ލާމަށް ގޮސް ހިލޭ ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

އައްޑުއަށް ތައާރަފު ކުރި ޕެކޭޖު ފަށަނީ 5450 ރުފިޔާ އިން ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ. މި ޕެކޭޖުގައި ދެކޮޅު ޓިކެޓާއެކު ދެމީހަކަށް ހަތް ދުވަހާއި ހަތް ރޭ އައްޑޫގައި ތިބުމުގެ ކަންކަން ހަމަޖައްސައި ދެއެވެ. އަދި އައްޑޫ ބަލައިލުމުގެ ފުރުސަތު މި ޕެކޭޖު ނަގާ ފަރާތްތަކަށް ލިބެއެވެ. މި ޕެކޭޖަކީވެސް މާޗް މަހަށް ހާއްސަކޮށް ތައާރަފުކޮށްފައިވާ ޕެކޭޖެކެވެ.