އިބްރާހިމް ޒަކީ
ދީބާޖާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ރިވިއުކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު އެ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފިއެވެ.
އޭޖީ އޮފީހުން ބުނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިއަދު ކަމަށެވެ.
ދީބާޖާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް ރައީސް ވިދާޅުވެފައިވާތީ، އެ ހުކުމް އަލުން ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އޭޖީ ނިންމެވިކަން އޭޖީ އޮފީހުން ހާމަ ކޮށްފައިވަނީ މިމަހު 22ގަ އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާ އެކު 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު، ރައީސް ޔާމީންގެ ސަރުކާރުން ބާތިލުކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު އޮތީ ދަމަހައްޓައިފަ އެވެ.
އެހެންކަމުން އެ ހުކުމާ އެއްގޮތަށް ދައުލަތުން ފައިސާ ދައްކާފައި ނުވާތީ، އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ދީބާޖާއިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގެ އަޑުއެހުމެއް، މިމަހު 15އަށް ތާވަލު ކުރި ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
ބަދަލު ދިނުމުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް ވެސް، ކޯޓުން ބޭރުގައި އެ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން އެއްބަސްވި އެވެ. ނަމަވެސް އެކަން މަޑު ޖައްސާލާފައި ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންގޮސް، އެކަންތައް އަލުން ބެލުމަށާއި އެ މައްސަލަ އަލުން މުރާ ކުރުމަށް އޭޖީ އަށް ދެންނެވުމަށް މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު މަޖިލީހުން ފާސް ކުރުމުންނެވެ.