ގާސިމް އިބްރާހިމް

އަޅުގަނޑަށްވުރެ ބޮޑަށް ރައްޔިތުންނަށް އަޅާލައިގެން ކަންތައް ކޮށްދިން މީހަކު ނުހުންނާނެ: ގާސިމު

7

އޭނާއަށްވުރެ ބޮޑަށް ރައްޔިތުންނަށް އަޅާލައިގެން އެކި ދާއިރާތަކުން ކަންތައް ކޮށްދީފައިވާ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ، މިހާތަނަށް ވެސް މަސައްކަތްކުރީ ނަން ހޯދަން ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ ކުރިއެރުމަށާއި އަމާންކަމާއި މަސްލަހަތަށާއި އަމިއްލަ ފަރުދުންގެ ތަނަވަސްކަމާއި މުއްސަނދިކަމަށް އެކި ގޮތްގޮތުން، އެކި ދާއިރާތަކުން މަސައްކަތްކުރީ ނަން ހޯދަން ނޫން ކަމަށް ގާސިމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހުރިހާ ދާއިރާއަކުން ވެސް މަސައްކަތް ކުރީ ކުރެވޭ ވަރުންނާއި ނުކުރެވޭ ވަރުން ވެސް ރައްޔިތުންނަށް ހިދުމަތެއް ކޮށްދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުންނަށް އޭނާއަށްވުރެ ބޮޑަށް އަޅާލައިގެން ކަންތައް ކޮށްދީފައި ހުރި މީހަކު ޔަގީނުން ވެސް ނުހުންނާނެ ކަމަށެވެ.

"ކޮންމެހެން ފޮނި ބަސް ބުނާކަށެއް ނޫން، އަޅުގަނޑާ އެއްވަރަށް މި ރާއްޖޭގައި މިދެންނެވި ދާއިރާތަކުގައި، އެއީ ދީނީ ކަމެއްކަމުގައި ވިޔަސް އިޖުތިމާއީ ކަމެއް ކަމުގައި ވިޔަސް އެއީ ތައުލީމީ އަދި ސިއްހީ ކަމެއް ކަމުގައި ވިޔަސް ދިވެހި ރައްޔިތުންނަށް މިއަށްވުރެ ބޮޑު ހިއްސާއެއް ޝެއާކޮށްފައިވާ، އަޅުގަނޑަށްވުރެ ބޮޑަށް އެބޭފުޅުންނަށް އެކަންތައްތަކާ އަޅާލައިގެން ބަލާލައިގެން ކަންތައް ކޮށްދީފައިވާ އެއްވެސް މީހަކު ހުންނާނެ ކަމާމެދު އަޅުގަނޑަށް ހަމަ ޔަގީން ނުހުންނާނެކަން،" ގާސިމު ވިދާޅުވިއެވެ.

ދުނިޔޭގައި މީހުން ބާރުވެރިކަން ހޯދަން އުޅެނީ ފައިސާ އާއި އަންހެނުން އަދި މުދަލަށްކަން ފާހަގަކުރައްވައި ގާސިމު އިތުރަށް ވިދާޅުވީ، ކަންތައް އިސްލާހު ކުރެވޭނީ ބާރުވެރިކަމެއް އޮވެގެން ކަމަށެވެ. ނަމަވެސް ނެތް ފެންވަރުން ބާރުވެރިކަން ހޯދަން މަސައްކަތް ނުކުރާ ކަމަށާއި އެބާރުވެރިކަން ހޯދަން ގާނޫނީ އަދި ދީނީ ހަމަތަކުގެ މަތިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟