އުރީދޫ މޯލްޑިވްސް

"އުރީދޫ ނިރު އެކްސެލެރޭޓާ 2.0" ޕްރޮގްރާމު އިފްތިތާހުކޮށްފި

އުރީދޫން މިއަހަރު ވެސް ނިރު އެކްސެލެރޭޓާ ޕްރޮގްރާމު ބާއްވަން ނިންމައި، "އުރީދޫ ނިރު އެކްސެލެރޭޓާ 2.0" އިފްތިތާހުކޮށްފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި އުރީދޫގެ "މަރުހަބާ 2020" ރަސްމިއްޔާތުގައި "އުރީދޫ ނިރު އެކްސެލެރޭޓާ 2.0" އިފްތިތާހުކޮށްދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

"ނިރު އެކްސެލެރޭޓާ 2.0" ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުއެވެ. އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫން މިހާރު ވަނީ ހުޅުވާލައިފައެވެ.

މިދިޔަ އަހަރު ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އުރީދޫ ނިރު އެކްސެލެރޭޓާއަކީ މުޖުތަމައަށް މަންފާވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު، އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި ކުރިއަރަމުން އަންނަ އެފަދަ ވިޔަފާރިތަކަށް ހޯދައިދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގައި ބައިވެރިވެވެނީ ނިރު ހެކަތަންގައި ވާދަކޮށް ހޮވޭ ޓީމުތަކަށެވެ.