މިއަހަރުގެ "އުރީދޫ ކަލާ ރަން" ހުޅުމާލެ އާއި ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.
ހޮޓެލް ޖެންގައި މިރޭ ބޭއްވި އުރީދޫގެ "މަރުހަބާ 2020" ރަސްމިއްޔާތުގައި މިއަހަރުގެ އުރީދޫ ކަލާ ރަން އިފްތިތާހުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.
މިއަހަރުގެ އުރީދޫ ކަލާ ރަންގެ ފުރަތަމަ އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައެވެ. އެ އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 29 ގައެވެ. އަދި ހުޅުމާލޭގައި ކުރިއަށްގެންދާ ކަލާ ރަންގެ އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު ހަތަރެއްގައެވެ.
މިދިޔަ އަހަރު ވެސް ކަލާ ރަންގެ ދެ އިވެންޓެއް ބޭއްވިއެވެ. މިދިޔަ އަހަރު ކަލާ ރަން ބާއްވާފައިވަނީ ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީގައެވެ.
އުރީދޫ ކަލާ ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ ސިއްހަތަށް ފައިދާ ހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ފަދަ މަޖާ އިވެންޓެކެވެ. އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރެއެވެ. އެ ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެއެވެ.