އުރީދޫ މޯލްޑިވްސް

އުރީދޫގެ ބްރޭންޑް އެމްބެސެޑަރުންނަށް މާޒިޔާ އާއި ހަބޭސް

އުރީދޫގެ ބްރޭންޑް އެމްބެސެޑަރުންނަށް ފުޓުބޯޅަ ކްލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ހަބޭސް ބޮޑުބެރު ގްރޫޕު ހަމަޖައްސައިފިއެވެ.

ބްރޭންޑް އެމްބެސެޑަރުންނަށް މާޒިޔާ އާއި ހަބޭސް ހަމަޖައްސާފައިވާކަން އިއުލާންކޮށްފައިވަނީ ހޮޓެލް ޖެންގައި މިރޭ ބޭއްވި އުރީދޫގެ "މަރުހަބާ 2020" ރަސްމިއްޔާތުގައެވެ.

ބްރޭންޑް އެމްބެސެޑަރުންނަށް ހަމަޖައްސައި، މާޒިޔާ އާއި ހަބޭސް ބޮޑުބެރު ގްރޫޕަށް ވަނީ ހާއްސަ ޖާޒީއެއް ހަވާލުކޮށްފައެވެ. އުރޫދޫގެ ފަރާތުން އެ ޖާޒީ ހަވާލުކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާނެވެ. މާޒިޔާ އިން ޖާޒީއާ ހަވާލުވީ އެކްލަބުގެ ނައިބު ރައީސް އިބްރާހިމް ވަހީދެވެ. އަދި ހަބޭސްގެ ފަރާތުން ޖާޒީއާ ހަވާލުވީ އެ ގްރޫޕުގެ ފައުންޑަރު އަލީ ޝިފާއުއެވެ.

މާޒިޔާއަކީ މިވަގުތު ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކްލަބެވެ. މާޒިޔާ އިން މިއަހަރުގެ އޭއެފްސީ ކަޕުގައި ވާދަކުރުމަށް ހަމަޖެހިފައިވާ އިރު، އެ ކްލަބުން ވަނީ މިސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވެސް ކަށަވަރުކޮށްފައެވެ.

މާޒިޔާއާއެކު އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސި ހަބޭސް ބޮޑުބެރު ގްރޫޕަކީ ރާއްޖޭގެ އެންމެ ނަން ވިދާ އެއް ބޮޑުބެރު ގްރޫޕެވެ. މީގެ ކުރިން ވެސް ހަބޭސްއަކީ އުރީދޫގެ ޕާޓްނަރެކެވެ.