އުރީދޫ މޯލްޑިވްސް

އުރީދޫގެ ކާމިޔާބީގައި ދިވެހި ރައްޔިތުންނާއި ޕާޓްނަރުން އިސް ދައުރެއް އަދާކުރޭ: ނަޖީބް

އުރީދޫއަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީއަށް އާ އަލިކަމަކާއި އާ އުންމީދެއް ގެނެސްދިން ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ ކާމިޔާބީގައި ދިވެހި ރައްޔިތުންނާއި ޕާޓްނަރުން އިސް ދައުރެއް އަދާކޮށްފައިވާ ކަމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދީ ސީއީއޯ ނަޖީބް ޚާން ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި އުރީދޫގެ "މަރުހަބާ 2020" ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޖީބް ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ފާއިތުވެދިޔަ 15 އަހަރުގެ ވާހަކަ އަބަދުވެސް ދެކެވެމުންދާނެ ކަމަށެވެ.

"އުރީދޫ އިން ވަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީއަށް އާ އަލިކަމެއް، އާ އުންމީދެއް ގެނެސްދީފައި. އުރީދޫއަށް ހޯދިފައިވާ ކުރިއެރުންތައް ޕާޓްނަރުންނާ ނުލައި ފުރިހަމަ ނުވާނެ. އުރީދޫއަށް ކާމިޔާބީތައް ހޯދުނީ ދިވެހި ރައްޔިތުންގެ އެހީތެރިކަމާއި ކުރާ އިތުބާރާއެކު،" އޭނާ ވިދާޅުވިއެވެ.

ނަޖީބް ވިދާޅުވީ ދުނިޔޭގައި ތައާރަފުވެގެންދާ އެންމެ ފަހުގެ ހުރިހާ ޓެކްނޮލޮޖީއެއް އުރީދޫން ދިވެހިންނަށް ގެނެސްދޭނެ ކަމަށާއި އެ ކުންފުންޏަށް އެންމެ މުހިންމުވާނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ރާއްޖެއަށް ތައާރަފުކުރި ހުރިހާ ޓެކްނޮލޮޖީއެއް ގެނެސްދެމުން ދަނީ ދިވެހިންނަށް އެންމެ ފައިދާވާނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫން 2ޖީ، 3ޖީ، 4ޖީ އަދި 5ޖީ ވެސް ތައާރަފުކޮށްދެވިފައިވާ ކަމަށާއި އެގޮތަށް ދުނިޔޭގައި ތައާރަފުވެގެންދާ ހުރިހާ ޓެކްނޮލޮޖީއެއް ވެސް އުރީދޫން ދިވެހިންނަށް ގެނެސްދޭނެ ކަމަށް ނަޖީބް ވިދާޅުވިއެވެ.