އައިޝަތު ރަފިއްޔާ

ސްޓީވީ އެވޯޑް ރާއްޖެއިން ލިބުނު ފުރަތަމަ ފަރާތަކަށް ރަފީ

ބައިނަލްއަގްވާމީ އެވޯޑެއް ކަމަށްވާ ސްޓީވީ އެވޯޑް، ޑރ. އައިޝަތު ރަފިއްޔާ އަށް ލިބިއްޖެއެވެ. މިއީ މި އެވޯޑް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

ވިޔަފާރީގެ ދާއިރާގެ އެކި ރޮނގުން ފާހަގަ ކޮށްލެވޭ ފަރާތްތަކަށް ދޭ ސްޓީވީ އެވޯޑް ރަފިއްޔާ އަށް ލިބިވަޑައިގެންފައި ވަނީ "ވުމަން އޮފް ދަ އިޔާ – ގަވަރންމަންޓް/ނޮން-ޕްރޮފިޓް" ރޮނގުންނެވެ. މި ކެޓަގިރީން ރަފިއްޔާ އަށް ލިބިފައިވަނީ ސިލްވާ އެވޯޑެވެ.

ޒުވާނުން ބާރުވެރިކޮށް ހޭލުންތެރި ކުރުމަށް ރާއްޖޭގައި އުފެއްދި ފުރަތަމަ ބައިނަލް އަގްވާމީ އެންޖީއޯ ރީޖަނަލް އެލައިންސް ފޯ ފޮސްޓަރިން ޔޫތް (ރަފީ) ގެ ފައުންޑިންގް ޕްރެޒިޑެންޓް ރަފިއްޔާއަކީ 17 އަހަރު މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޓިވް ދާއިރާގައި މަސައްކަތް ކުރައްވައިފައިވާ ތަޖުރިބާކާރެކެވެ. އަދި ހިލޭ ސާބަހަށް މަސައްކަތްކުރައްވާތާ 22 އަހަރު ވަނީ ވެފައެވެ.

ރަފިއްޔާ އަކި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގައުމީ ޔޫތް އެވޯޑް ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން ލިބިވަޑައިގެންފައިވާ ކަނބަލެކެވެ.

ރަފިއްޔާ އަކީ ސަން ސިޔާމް ގްރޫޕްގެ ޑިރެކްޓަރެކެވެ. އަދި އެސްޓީއޯގެ ބޯޑް މެމްބަރެއްވެސް މެއެވެ. ސިޔާސީ ޕާޓީ އެމްޑީއޭ އުފެދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޮވުނު އަންހެން ޑެޕިއުޓީ ލީޑަރަކީވެސް ރަފިއްޔާއެވެ. މީގެ އިތުރުން މާލެ ސިޓި ކައުންސިލްގެ ވުމެން ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް ރަފިއްޔާ ހަރަކާތްތެރިވެއެވެ.

ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އިން ޑޮކްޓަރޭޓް ކަން ފުރިހަމަ ކުރައްވައިފައިވާ އިރު ރަފިއްޔާ އަށް ވަނީ އެކި ދާއިރާ ތަކުން 18 އެވޯޑެއް ގައުމީ ގޮތުންނާއި ބައިނަލް އަގުވާމީ ގޮތުން ލިބިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ގޯލްޑަން ގްލޯބް ވުމެންސް އެކްސެލެންސް އެވޯޑްވެސް ހިމެނެއެވެ.

ރަފިއްޔާ އަކީ އިންޓަނޭޝިނަލް ޔޫތް ކޮމެޓީގެ ވެސް ނައިބް ރައީސާ އެވެ. އަދި އިނގިރޭސި ރާނީ ގެ މެންޓަރިން ޕެނަލްގައި މެންޓަރެއްގެ ގޮތުގައި ވެސް ރަފިއްޔާ އަންނަނީ ހަރަކާތްތެރި ވަމުންނެވެ.