ވިޔަފާރި

އައްޒަގެ އާ ޝޯތަކެއް ދިރާގު ޓީވީއަށް

މަރިޔަމް ޝަހުދާ

މުޅިން އާ ޝޯތަކެއް އުފެއްދުމަށް މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ ދިރާގު ޓީވީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި މުޅިން އާ ކޮންޓެންޓު އުފެއްދުމަށް އައްޒައާއެކު މިއަދު ވި އެއްބަސްވުމުގެ ދަށުން އާ ކޮންޓެންޓު މިއަހަރު ތެރޭ ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީން އާންމުންނަށް ފެންނާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އައްޒަ ބުނީ ދިރާގު ކަހަލަ ބޮޑު ކުންފުންޏަކާއެކު މަސައްކަތް ކުރުމަކީ އޭނާގެ ފިލްމީ ކެރިއަރަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި ދިރާގަކީ ފަންނުވެރިންގެ މަސައްކަތުގެ އަގު ވަޒަންކުރާ، ހާއްސަ ގޮތެއްގައި ފިލްމީ ފަންނާނުންގެ މަސައްކަތަށް ހިތްވަރުދީ، މާލީގޮތުންނާއި، ފަންނީގޮތުން ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށް ޕްލޭނަކާއެކު ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެއް ކަމަށް އައްޒަ ބުންޏެވެ.

ދިރާގަކީ އައިޕީ ޓީވީގެ ހިދުމަތް އެންމެ ފުރަތަމަ އަދި އެންމެ ފުޅާދާއިރާއެއްގައި ރާއްޖޭގައި ދެމުން އަންނަ ފަރާތެވެ. ދިރާގު ޓީވީގެ ހިދުމަތް ތައާރަފު ކުރިތާ ދެ އަހަރު ވެފައި ވާއިރު ރާއްޖޭގެ %74 އާބާދީއަށް މި ހިދުމަތް ފޯރުކޮށްދީފައި ވާނެ ކަމަށް ދިރާގުން ބުނެއެވެ.

ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަ ވާނެ ގޮތަކަށް ފަރުމާކޮށްފައިވާ ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑަކީ މިހާރު އާންމުންގެ މެދުގައި މަގުބޫލު ވަސީލަތެކެވެ. މިއީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ތަނެއްގައި ބޭނުން ގަޑިއެއްގައި ބަލައިލުމުގެ ފުރުސަތު ފަހިކޮށްދޭ ޕްލެޓްފޯމެކެވެ. ދިރާގުން އަންނަނީ މި ޕްލެޓްފޯމުގެ އެހީގައި ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް މަސައްކަތް ކޮށް، ދިވެހި އުފެއްދުންތަކަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ.