ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 10 ރަށެއްގެ ސެން ކުލާސްތަކަށް ބޭނުންވާ ސާމާނު ހަދިޔާކޮށްފިއެވެ.
ބީއެމްއެލުން ސެން ކުލާސްތަކަށް ކިޔަވައި ދިނުމަށް ބޭނުންވާ ހާއްސަ ސާމާނުތައް ފޯރުކޮށްދިން 10 ސުކޫލަކީ ކެލާ ސްކޫލު، އިހަވަންދޫ ސްކޫލު، މިލަންދޫ ސްކޫލު، ނޫނު އަތޮޅު ތައުލީމީ މަރުކަޒު، މާފުށި ސްކޫލު، ތޮއްޑޫ ސްކޫލު، ތ އަތޮޅު ތައުލީމީ މަރުކަޒު، ގދ. ތިނަދޫ އަބޫބަކުރު ސްކޫލު، ފުވައްމުކަލު ހާފިޒު އަހުމަދު ސްކޫލު އަދި ހިތަދޫ ޝަރަފުއްދީން ސްކޫލަށެވެ.
ބީއެމްއެލުން ބުނީ، ސެން ކްލާސްތަކުގެ ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް އެންމެ ބޮޑު ގޮންޖެހުމަކާއި ދިމާވަނީ އެކަމަށް އެންމެ އެކަށީގެންވާ ތައުލީމީ ސާމާނު ނެތުމުން ކަމަށެވެ. އަދި އެކުންދުނީގެ މި އެހީތެރިކަމާއެކު 300 އަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް ފައިދާ ކުރާނެ ކަމަށް ބީއެމްއެލުން ފާހަގަކުރެއެވެ.
ބީއެމްއެލުން އިތުރަށް ބުނީ، އެކުންފުނީގެ "އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑު"ގެ ދަށުން ހަދިޔާކުރި އެ ތަކެއްޗަކީ ކޮންމެ ސްކޫލެއްގައި ވެސް ސެން ކުލާހުގައި ތިބި ކުދިންނަށް ބޭނުން ކުރެވޭނެ، ކަމަށް އެކަށީގެންވާ ތަކެތިތޯ ބެލުމަށްފަހު ހަދިޔާކުރި ތަކެތި ކަމަށެވެ. އަދި މިއީ ދަރިވަރުންގެ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދޭނެ ތަކެތި ކަމަށް އެކުންފުނިން ބުނެއެވެ.
މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ބީއެމްއެލްގެ "އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑު"ގެ ދަށުން މިހާތަނަށް ބީއެމްއެލުން 140 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.