ދިވެހި އާއިލާއެއްގެ އެހީތެރިކަމާއެކު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީން ބަންގްލަދޭޝްގައި ފެން ވަޅެއް ބަހައްޓައިދީފިއެވެ.
މި ފެންވަޅު ބަހއްޓާފައި ވަނީ ސްކޫލެއްގެ ކައިރީ ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ. މި ފެންވަޅުގެ ސަބަބުން 150 ދަރިވަރުންނާއި އެތާ ކައިރީ އަވަށެއްގައި ދިރިއުޅޭ 200 މީހުންނަށް ސާފު ބޯފެން ލިބޭނެ ކަމަށް ވެސް އައިއޭސީން ބުނެއެވެ.
އައިއޭސީން މި ފެންވަޅު ބަހައްޓާފައި ވަނީ ބަންގްލަދޭޝްގެ ކުލްނާ ސިޓީގެ އަވަށެއް ކަމަށްވާ ކޮއިރާގަ އެވެ. ކޮއިރާގައި މި ފެންވަޅު ބެހެއްޓުމުން ކުރިން އެ ހިސާބުގައި ދިރިއުޅޭ މީހުން ބޯފެން ހޯދަން ކުރަމުން އައި ދިގު ދަތުރު ނިމުމަކަށް އަންނާނެ ކަމަށް ވެސް އައިއޭސީން ބުނެ އެވެ.
މިއީ އައިއޭސީގެ މިފަދަ ފުރަތަމަ ޕްރޮޖެކްޓުކަން ވެސް އައިއޭސީން ފާހަގަ ކުރެއެވެ. އަދި މި މަސައްކަތަކީ އައިއޭސީގެ ސަދަގާ ޖާރިއާ ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށް އައިއޭސީން ބުނެއެވެ. ބަންގްލަދޭޝްގައި އައިއޭސީން ބެހެއްޓި މި ފެންވަޅަކީ އައްޑު އަތޮޅު މަރަދޫ ވީނަސްވިލާ އާއިލާގެ އެހީތެރިކަމާއެކު ބެހެއްޓި ފެންވަޅެވެ.
އައިއޭސީން ވަނީ މި ފުރުސަތު ދިވެހި އެހެން ރައްޔިތުންނަށްވެސް ހުޅުވާލާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އައިއޭސީގެ ސަދަގާ ޖާރިއާ ޕްރޮޖެކްޓުގެ ދަށުން ބަހައްޓާ ފެންވަޅުތައް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތްކަން އައިއޭސީން ފާހަގަ ކުރިއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އައިއޭސީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް މައުލޫމާތު ސާފު ކުރެއްވުމަށް އައިއޭސީން އެދެއެވެ.