ރީކޯ މޫސާ މަނިކް

ސިޔާސީ މީހުންކުރާ ޒުވާބުގައި ޗައިނާއަށް ބަދުބަސް ބުނުން ރަނގަޅެއް ނޫން: މޫސަ

ޝަހީދާ އަބްދުﷲ ސައީދު

1

ސިޔާސީ މީހުން އެކަކު އަނެކަކަށް ކުރާ ޒުވާބުގައި ޗައިނާ އަށް ބަދުބަސް ބުނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑަށް އެހީވާ ގައުމަކަށް ވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ 45 އިންސައްތަ، ޗައިނާގެ ފަތުރުވެރިން ހިއްސާކުރާ ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ 45 އިންސައްތަ ޗައިނާއިން ހިއްސާކުރަމުން އަންނަ އިރު، ސިޔާސީ މީހުން ހިތްހަމަ ނުޖެހިގެން ކުރާ ޒުވާބުގައި ޗައިނާއަށް ބަދު ބަސް ބުނުމަކީ ރަނގަޅު ކަމެއް ނޫންކަމަށް މޫސަ ކުރެއްވި ޓުވީޓުގައި ވެއެވެ.

ޗައިނާއަށް ބަދުބަސް ބުނުން ރަނގަޅު ނޫން ކަމަށް މޫސަ ވިދާޅުވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދުނިޔޭގެ ބައެއް މީޑިއާތަކުގައި ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން އޮތީ ވަރަށް ބޮޑަށް އެއްފަރާތަށް ޖެހިފައި ކަމަށާއި، އަދަދު ދިމާ ނުވާ ކަމަށެވެ. އަދި ޗައިނާގެ މަޝްރޫއުތައް ރާއްޖޭގައި ހިންގަމުންދާތީ، މުސްތަގުބަލުގައި ޗައިނާގެ ނުފޫޒު ރާއްޖެއަށް ބޮޑުވެގެންދާނެ ކަމަށް މީގެކުރިން ނަޝީދު ވިދާޅުވެފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟