ކޯބީ ބްރަޔަންޓް

ހެލިކޮޕްޓަރު ވެއްޓި، ބާސްކެޓްބޯޅަ ލެޖެންޑް ކޯބީ ބްރަޔަންޓާއި އޭނާގެ ދަރިޔަކު މަރުވެއްޖެ

2

މަޝްހޫރު ބާސްކެޓުބޯޅަ ކުޅުންތެރިޔާ ކޯބީ ބްރަޔަންޓް ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރު ވެއްޓި، ބްރަޔަންޓާއި އޭނާގެ ދަރިޔެއް ކަމަށްވާ ޖިއާނާ މަރުވެއްޖެއެވެ.

ކެލިފޯނިއާގެ ކަލަބަސަސްއަށް ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ބްރަޔަންޓާއި އުމުރުން 13 އަހަރުގެ ޖިއާނާގެ އިތުރުން ހަތް މީހަކު ވަނީ މަރުވެފައެވެ. އެމީހުންގެ ތެރޭގައި ޖިއާނާގެ އެކުވެރިޔަކާއި އެކުއްޖާގެ ބެލެނިވެރިޔަކު ވެސް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 41 އަހަރުގެ ބްރަޔާންޓް ވަނީ އޭނާގެ ބާސްކެޓް ކެރިޔަރުގައި ހޭދަކުރި 20 އަހަރު ލޮސް އެންޖެލެސް ލޭކާސްގައި އެތައް ކާމިޔާބެއް ހޯދައިފައެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ވެސް ބްރަޔާންޓް ހިމެނެއެވެ. އޭނާ ވަނީ ފަސް އެންބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، 18 ފަހަރު އޯލް ސްޓާ ޓީމުން ޖާގަ ހޯދައިފައެވެ. އެންބީއޭގެ ތާރީހުގައި ހަތަރުވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔާއަކީ ބްރަޔާންޓެވެ. 1996ގައި ކެރިޔަރު ފެށި ބްރަޔާންޓް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުއެވެ.

އެމެރިކާގެ ފިލަޑެލްފިއާއަށް އުފަން ބްރަޔާންޓް، "ލޯވާ މެރިއޮން ހައި ސްކޫލް" އިން ތައުލީމު ހާސިލުކުރުމަށްފަހު އެންބީއޭ ޗެމްޕިއަންޝިޕްތަކުން ފެނިގެންދިޔައެވެ. އޭރު އޭނާ ވެގެން ގޮސްފައިވަނީ އެންބީއޭގެ ތާރީހުގައި އެންމެ ހަގު އެއް ކުޅުންތެރިޔާއަށެވެ.

ބްރަޔަންޓާއި އޭނާގެ އަންހެނުން ވެނޭސާގެ ހަތަރު އަންހެން ދަރިން ތިބެއެވެ. އެއީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި މަރުވި ޖިއާނާގެ އިތުރުން ނަޓާލިއާ އާއި ބިއާންކާ އަދި ކެޕްރީއެވެ. ކޯބީ ބްރަޔަންޓުގެ ބައްޕަ، ޖޯ ބްރަޔަންޓަކީ ވެސް ބާސްކެޓް ލެޖެންޑެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟