ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ފާތިމަތު ދީމާ އަލީ އާއި މޫސާ މުންސިފް ހޯދައިފިއެވެ.
މިދިޔަ އަހަރު ވެސް އެ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ދީމާ އާއި މުންސިފެވެ. މިއީ ދީމާ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. އަދި މުންސިފް މިވަނީ ވިދިވިދިގެން ހަތަރުވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ.
ސޯޝަލް ސެންޓަރު ޓީޓީ ހޯލުގައި އިއްޔެ ހަވީރު ކުޅުނު އެ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދީމާ ހޯދީ ފައިނަލުގައި އާއިޝަތު ރަފާ ނާޒިމް ބަލިކޮށްގެންނެވެ. މިދިޔަ އަހަރު ވެސް ދީމާ ވަނީ ފައިނަލުގައި ރަފާ ބަލިކޮށްފައެވެ. މިއަހަރުގެ ފައިނަލުގައި ރަފާގެ މައްޗަށް ދީމާ ކުރި ހޯދީ ސީދާ ތިން ގޭމުންނެވެ.
ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މުންސިފް ހޯދީ މުހައްމަދު ޝައްފާން އިސްމާއީލް ބަލިކޮށްގެންނެވެ. މިދިޔަ އަހަރުގެ މުންސިފް ވަނީ ފައިނަލުގައި ޝައްފާން ބަލިކޮށްފައެވެ. މިއަހަރުގެ ފައިނަލުގައި ޝައްފާން އަތުން މުންސިފް މޮޅުވީ 3-1 ގޭމުންނެވެ.