ބޮލީވުޑް

ކަަރަން، އެކްތާ އަދި ކަންގްނާ އަށް އިންޑިއާގެ ޕަދްމާ ޝްރީ އެވޯޑު ލިބިއްޖެ

ކަރަން ޖޯހަރާއި އެކްތާ ކަޕޫރަށް އިންޑިއާގެ ރައީސް ދެއްވާ ހަތަރުވަނައަށް އެންމެ މަތީ ޝަރަފު ޕަދްމާ ޝްރީ އެވޯޑު ލިބިއްޖެއެވެ.

އެވޯޑު ލިބިފައިވާ ފަރާތްތައް ހާމަކުރުމަށް އިއްޔެ ނެރެފައިވާ އިއުލާނުގައި މިއަަހަރު 118 ފަރާތަކުން ވަނީ ޕަދްމާ ޝްރީ އެވޯޑު ހާސިލު ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. އޭގެ ތެރޭގައި ބަތަލާ ކަންގްނާ ރާނޮތު، ލަވަކިޔުންތެރިޔާ އަދްނާން ސާމީވެސް ހިމެނެއެވެ.

ފިލްމީ ދާއިރާގެ އިތުރުން، ސިއްހަތު، ކުޅިވަރު، ޕަބްލިކް އެފެއާސް، ސޯޝަލް ވޯކްސް، އާޓް އަދި ލިޓްރެޗަރާއި ޓްރޭޑް އެންޑް އިންޑަސްޓްރީ އާއި ސައިންސް އެންޑް އިންޖިނިއަރިންގެ ދާއިރާއިން ފާހަގަ ކުރެވޭ ފަރާތްތަކަށް އެވޯޑު ވަނީ ލިބިގެން ގޮސްފައެވެ. 

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ވަނީ އެވޯޑު ލިބިވަޑައިގެންނެވި ފަރާތްތަކަށް ތަހުނިޔާ އާއި މުބާރިކްބާދީ ފޮނުއްވާފައެވެ.

މި އެވޯޑު ލިބިފައިވާ ބޮލީވުޑްގެ ބައެއް ތަރިންގެ ތެރޭގައި އަމީތާބް ބަޗަން، އަޖޭ ދޭވްގަން، ޕްރިޔަންކާ ޗޯޕްރާ، އާމިރު ޚާން، ހެލަން، މަދޫރީ ޑިކްސިޓް، ވިދްޔާ ބާލަން އަދި އައިޝްވަރިޔާ ރާއީ ބަޗަން ހިމެނެއެވެ. މީގެ އިތުރުން ސައިފް އަލީ ޚާން، ޝާހުރުކް ޚާން، ކާޖޮލް، ތާބޫ އަދި ހެމާ މާލިނީއަށްވެސް ވަނީ މި އެވޯޑު ކުރީން ލިބިފަ އެވެ.