ޕޮލިސް

ފުލުހުންގެ ދެ އެސިސްޓެންޓް ކޮމިޝަނަރުން މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފި

6

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފިއެވެ.

''ވަންއޮންލައިން'' އަށް އެނގިފައިވާ ގޮތުގައި ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވަނީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރުން ކަމަށްވާ އިންޓަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު ޖަމްޝީދު އާއި ކުރައިމް ކޮމާންޑްގެ ހެޑް އަހުމަދު މުހައްމަދުއެވެ.

މި ދެބޭފުޅުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް، އެބޭފުޅުން މީގެކުރިން ބެލެހެއްޓެވި ޑިޕާޓްމަންޓް ވަގުތީގޮތުން މިހާރު ހިންގަވަމުން ގެންދަވަނީ އެ ދެބޭފުޅުންގެ ދަށުން އިސްކޮށް ތިއްބެވި ވެރިންނެވެ. އަދި އެ ދެޑިޕާޓްމެންޓް އިސްވެ ބަލަހައްޓަވާނީ މިދިޔަ ހޯމަ ދުވަހު ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވި އަބްދުލް މަންނާން ޔޫސުފް އެވެ.

ވަން އޮންލައިން އަށް އެނގިފައިވާ ގޮތުގައި، އޭސީޕީ އަހުމަދު މުހައްމަދާއި ޖަމްޝީދަށް މިހާރު ހަވާލުކުރައްވައިފައި ވަނީ ފުލުހުންގެ ސަދަން އަދި ނޯދަން އޮޕަރޭޝަންސް އެވެ. ސަދަން އަދި ނޯދަން ގެ އޮޕަރޭޝަންސްތައް ހިނގަނީ ރީޖަނަލް އޮޕަރޭޝަންސްގެ ދަށުންނެވެ. ރީޖަނަލް އޮޕަރޭޝަންސް ކޮމާންޑް ހެޑް އަކީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. އެހެން ކަމުން ޖަމްޝީދު އާއި އަހުމަދު މުހައްމަދު މިހާރު މަސައްކަތް ކުރައްވާނީ ނަވީންގެ ދަށުންނެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެދެބޭފުޅުން މަސައްކަތުގެ މަސްއޫލިއްޔަތުން ދުރުކޮށްފައި ވަނީ އާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އެންގެވުމަކަށެވެ. އެހެން ނަމަވެސް އެއީ ދޮގެއްކަން ނުވަތަ ތެދެއްކަން ވަނީ ކަށަވަރު ނުކުރެވިފަ އެވެ. ހޯމް މިނިސްޓަރަށް ފޯނުން ގުޅުމުން ޖަވާބެއް ނުދެއްވަ އެވެ. އެސްއެމްއެސް އަކުން ދެންނެވުމުން ޖަވާބެއް ނުދެއްވަ އެވެ.

މި ކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅައިލުމުން ވިދާޅުވީ އެ ގޮތަށް ގެންނަ ބަދަލުތައް މީޑިއާއާ ހިއްސާ ނުކުރައްވާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟