ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، އެއްވެސް ހާލެއްގައި ބަންދަށް ލުޔެއް ދެއްވަން ބޭނުންނުވާނެ ކަމަށާއި މިނިވަންވީ އިދިކޮޅު ކޯލިޝަން ލީޑަރުންގެ މަސައްކަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
މިއަދު ކްރިމިނަލް ކޯޓުން ވަނީ ރިޔާޒް ބަންދުގައި ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ، މިނިވަންކުރުމަށް ހުކުމްކޮށްފައެވެ.
ކޯޓުން ނުކުމެވަޑައިގެން، ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނާނެ ކަމަށާއި މިއަދު ދެކެނީ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ކަމަށެވެ. އަދި ރިޔާޒް ވަނީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމަށް މެޖޯރިޓީ ހޯދައިދިނުމަށް ކިނބިދީ ދާއިރާއިންނާއި އުފަން ރަށް ތިމަަރަފުށީގެ ރައްޔިތުންގެ ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.
"ރައީސް ޔާމީން، އެއްވެސް ހާލެއްގައި ލުޔެއް ދެއްވާކަށް ބޭނުމެއް ނުވާނެ. މިނިވަންވީ ރައީސް ޔާމީންގެ ހެޔޮފުޅުކަމުން ކަމަށް އަޅުގަނޑު ނުދެކެން. މިއީ އަޅުގަނޑުމެންގެ ލީޑަރުންގެ މަސައްކަތް. ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނާނެ. މިއީ އަޅުގަނޑަށް މިނިވަންކަން ލިބުނު ދުވަސް ކަމަށް ދެކެނީ،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ހައްޔަރުކުރި ފުރަތަމަ ދުވަހު ވެސް އެއީ ސިޔާސީ ކަމެއް ކަން އެނގުނު ކަމަށާއި ރައީސް ޔާމީން ކުރެއްވި ކަމަކީ ސިޔާސީ އިސް ލީޑަރުންތައް ހައްޔަރުކޮށް ރާއްޖެއަށް ނާދެވޭ ގޮތަށް ހެދުން ކަމަށެވެ. އަދި ކެމްޕޭނުގައި ބައިވެރިނުވެވުނު ނަމަވެސް، ކެމްޕޭނުގައި ރައްޔިތުން ކުރި މަސައްކަތުން ހިތްވަރު ލިބިގެންދިޔަ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.
"ރައީސް ޔާމީން ކުރެއްވި ކަމަކީ ސިޔާސީ އިސް ލީޑަރުން ހައްޔަރުކޮށް ރާއްޖެއަށް ނާދެވޭ ގޮތް ހެދުން. ރައީސް ޔާމީނާ ޗެލެންޖް ކުރެވޭ ވަރުގެ މީހެއް ނެތް ކަމަށް ހީކުރެއްވީ. އަޅުގަނޑަށް މި ކެމްޕޭންގައި ބައިވެރިނުވެވުނު. ތި ބޭފުޅުންގެ ހިތްވަރާއެކު ވަރަށް ފުރިހަމަ ކެމްޕޭނެއް ކުރައްވާ މަންޒަރު ނުފެނުނު ނަމަވެސް، ރޭޑިއޯތަކުން ހަބަރުތައް ލިބުނު. ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދިޔަ އެ ހަބަރުތައް ލިބުނީމާ،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ މިއީ ރައީސަކަށް އެންމެ ގިނަ ވޯޓު އަދި އެންމެ ބޮޑު އިންސައްތައެއް ލިބުނު ފަހަރު ކަމަށާއި ނަތީޖާއިން ދައްކުވައިދެނީ އަނިޔާވެރިކަމާއި ކޮރަޕްޝަނާ، ދިވެހިން ދެކޮޅުކަން ކަމަށެވެ. އަދި ރައީސް ޔާމީނަށްވުރެ އިދިކޮޅު ލީޑަރުން ފެނުނީ މާ "ސްމާޓް"ކޮށް ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.
"ޖަލުން ފެނުނު ވަރަށް ދެރަވި މަންޒަރެއް، ރައީސް މައުމޫން ޖަލަށްލައިގެން ހެއްދެވި މަންޒަރު. އަޅުގަނޑުމެންނަށް މި ލިބުނީ ވަރަށް ރަނގަޅު ފިލާވަޅުތަކެއް. އެމީހާ ބޭނުންވާ ގޮތަކަށް ކަންކަން ނުވާނެކަން. މީހުންނަށް އަނިޔާވެރިވެގެން ކަމެއް ކާމިޔާބު ނުވާނެކަން. ކާނަލް ނާޒިމް ތިން އަހަރާއި ހަތް މަހަށްވުރެ ގިނަ ދުވަސް ނުހައްގުން ޖަލަށް ލާފައި އެ ހުންނެވީ. އެއްވެސް ކުށެއް ނެތި ހުރި ހުރުން އެއީ ގޯހެއް. ރައީސް ޔާމީނަށް ވެސް އެކަން އެނގިލައްވާނެ،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކާމިޔާބީއާއެކު ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑު ކަމަށާއި އިއްތިހާދުގެ ސަރުކާރުގައި ދިވެހިން އެދޭ ހެޔޮ ވެރިކަމެއް ގެނެސްދޭނެ ކަމަށެވެ. އަދި ކާމިޔާބު ވެރިކަމަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.