އިލެކްޝަންސް ކޮމިޝަން

މާލޭ ސިޓީގެ ދާއިރާތައް ބެހިގޮތާމެދު ފުވާދުގެ ހިތްހަމަނުޖެހުން، އެކަމަކު ވޯޓު ދެއްވި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް މާލޭ ސިޓީގެ ދާއިރާތައް ބަހާފައިވާގޮތާމެދު އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރު ފުވާދު ތައުފީގު ހިތްހަމަނުޖެހުން ފާޅުކުރެއްވި ނަމަވެސް، އެގޮތަށް ފާސްކުރީ ފަސް މެންބަރުންގެ ވޯޓުން ކަމަށް އީސީން ބުނެފިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު މާލޭގެ އިދާރީ ދާއިރާތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިހާބު ކުރަންޖެހެއެވެ. އެކަމާ ގުޅިގެން މާލޭގެ ގިނަ ރައްޔިތުން ގެންދަނީ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.

އެކަންބޮޑުވުންތަކާ ގުޅިގެން ފުވާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގައި އޮތް ހަތަރު އަވަށުގެ ބޯޑަރަށް ބެލުމެއްނެތި ލޯކަލް ކައުންސިލް އިންތިހާބުގެ ބޯޑަރުތައް ކަނޑައެޅުމުން މާލޭގެ ގިނަ ރައްޔިތުންގެ ހިތްހަމަނުޖެހުން އޮތްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އެކަމާމެދު އޭނާވެސް ހިތްހަމަ ޖަހިވަޑައިނުގަންނަވާ ކަމަށާއި އެގޮތުން ދާއިރާތައް ބެހިގޮތުން މައްޗަންގޮޅިގައި އޮތް އޭނާގެ ގެ ވެސް މިހާރު ގަލޮޅު ދެކުނަށް ބަދަލުވެފައިވާކަން ފުވާދު ފާހަގަކުރެއްވިއެވެ.

ނަމަވެސް ފުވާދުގެ އެ ޓުވީޓަށް އިލެކްޝަން ކޮމިޝަނުންގެ ރަސްމީ ޓުވިޓާ އެކައުންޓުންނާއި އެކޮމިޝަންގެ ނައިބު ރައީސް ވެސް ވަނީ ރައްދުދެއްވައިފައެވެ.

އީސީގެ ރަސްމީ ޓުވީޓާ އެކައުންޓުން ބުނީ، ލޯކަލް ކައުންސިލް އިންތިހާބަށް މާލޭ ސިޓީގެ އިދާރީ ދާއިރާތައް ބެހުމުގައި އެކޮމިޝަނަށް ވަރަށްބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އަދި އެކަމުގައި އެޑްވައިޒަރީ ކޮމިޓީގައާއި ހުރިހާ ސިޔާސީ ޕާޓީތަކާއެކު ވެސް މަޝްވަރާކުރުމަށްފަހު ދާއިރާތައް ކަނޑައެޅީ ކޮމިޝަންގެ ފަސް މެމްބަރުން ވެސް ވޯޓު ދީގެން ކަމަށް ބުނެފައިވެއެވެ.

ދާއިރާތައް ބެހި ގޮތާމެދު ފުވާދުގެ ކަންބޮޑުވުން އޮތްކަން ފާހަގަކުރެއްވުމުން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެ ސިޓީ އަދި އެހެން ސިޓީތަކުގެ ދާއިރާތައް ބަހާފައިވާ ގޮތަށާއި ދާއިރާތަކަށް ދެވިފައިވާ ނަމަވެސް ޝަކުވާ ހުށަހެޅުމަށް އާންމުންނަށް އީސީން ފުރުސަތު ހުޅުވާލި ކަމަށެވެ. އަދި ދާއިރާތައް ކަނޑައެޅިފައިވަނީ އީސީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންކަން އަކްރަމްގެ ޓުވީޓުގައި ވެސް ފާހަގަކުރެއްވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގައި އިންތިހާބީ 18 ދާއިރާއެއް އޮވެއެވެ.

އެއީ ހުޅުމާލެ އަދި ވިލިމާލޭ ދާއިރާގެ އިތުރުން މާފަންނު މެދު ދާއިރާ، މާފަންނު އުތުރު ދާއިރާ، މާފަންނު ހުޅަނގު އުތުރު ދާއިރާ، މާފަންނު ހުޅަނގު ދާއިރާ، މާފަންނު ދެކުނު ދާއިރާ، މައްޗަންގޮޅި އުތުރު ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާގެ އިތުރުން ހެންވޭރު އުތުރު ދާއިރާ، މެދު ހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، ގަލޮޅު އުތުރު ދާއިރާ، ގަލޮޅު މެދު ދާއިރާ، ގަލޮޅު ދެކުނު ދާއިރާ، ގަލޮޅު ހުޅަނގު ދާއިރާއެވެ.