ޔުއެފާ ޔޫރޯ 2020އާ ދިމާކޮށް "ކޮކާ ކޯލާ ޔޫރޯ 2020"ގެ ނަމުގައި ބައިވެރިއަކާއެކު، 10 ފަރާތަކަށް ޔޫރޯގެ މެޗެއް ބަލާލަން ޔޫރަޕަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެ ޕްރޮމޯޝަން ރާއްޖޭގައި ލޯންޗުކޮށްފައިވަނީ މިއަދު ބޭއްވި ކޮކާ ކޯލާ ލެޖެންޑްސް ކަޕް ފެށުމުގެ ރަސްމިއްޔާތުގައި ކޮކާ ކޯލާގެ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރާސަރީއެވެ.
މިލިންދު ވިދާޅުވީ ޕްރޮމޯޝަންގައި ބައިވެރިވެގެން ގްރޭންޑް ޕްރައިޒްގެ ގޮތުގައި ގުރުއަތުން ހޮވޭ 10 ފަރާތަކަށް، އިތުރު ފަރާތަކާއެކު ޔޫރޯގެ މެޗެއް ބަލާލުމަށް އަޔަލެންޑަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެ ދަތުރުގެ ހުރިހާ ހަރަދެއް ދޭނީ ކޮކާ ކޯލާއިންނެވެ. މި އިނާމަށް ގުރުއަތުލުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކު ކޮންމެވެސް އެއް ފަރާތަކަށެވެ.
ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ކޮންމެ ވެސް އެއް ފަރާތަކަށް ހާއްސަ އިނާމެއް ލިބޭނެ ކަމަށް މިލިންދު ވިދާޅުވިއެވެ.
އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ނެގޭ ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް އައިފޯނު 11، އެލްއީޑީ އެޗްޑީ ޓީވީ ނުވަތަ އޮފިޝަލް މެޗް ބޯލް އޮޮފް ޔޫރޯ 2020 ލިބުމުގެ ފުރުސަތު އޮންނާނެއެވެ.
ކޮކާކޯލާ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި ކޮންމެ ދުވަހަކު ލިބޭ އިނާމު ކަނޑައަޅަނީ ވެސް ނެގޭ ގުރުއަތަކުން ކަމަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ކޮކާކޯލާ ފުޅީގެ މަތިގަނޑުގައިވާ ކޯޑު 2626 އަށް އެސްއެމްއެސް ކޮށްގެންނެވެ. އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވުމަށް ފޮނުވާ ކޯޑު ހުންނާނީ ހަމައެކަނި ރަން ކުލައިގެ މަތިގަނޑު ހުންނަ ކޯކު ފުޅީގައި ކަމަށް ކޮކާކޯލާ އިން ބުނެއެވެ.