ޑރ. މުހައްމަދު ޖަމީލް އަހްމަދު

މިހާރު ރާއްޖެ އެމްވީން ފަށާފައި ވަނީ ރައީސް އިބޫގެ ވެރިކަން ބަލިކަށިކުރުމުގެ މަސައްކަތް: ޑރ. ޖަމީލް

2

ރާއްޖެ އެމްވީން މިހާރު ފަށާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ބަލިކަށިކުރުމަށް ބަޔަކު ކުރާ ޒިންމާދާރުކަން ކުޑަ އަމަލުތައް ޕްރޮމޯޓުކުރުމުގެ މަސައްކަތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.

ޑރ. ޖަމީލް މިގޮތަށް ޓުވީޓު ކުރައްވާފައި މި ވަނީ "ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!" މި ސުރުޚީގެ ދަށުން ރާއްޖެއެމްވީ ގައި އާޓިކަލެއް ޝާއިއުކޮށްފައި ވާތީ އެލިޔުމާ ގުޅުވައިގެންނެވެ. އެ އާޓިކަލުގައި ވަނީ ޖޭޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް އައްޔަންކުރައްވައިފައިވާ ހަތަރު ވަޒީރަކަށް ރުހުން ދޭން ރައްޔިތުން ނުރުހޭ ކަމަށް ބުނެފަ އެވެ.

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ އާއި ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި އަލީ ވަހީދާއި ކޮމިޔުނިކޭޝަން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މުހައްމަދު މަލީހު ޖަމާލް އަދި ހެލްތް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަބްދުﷲ އަމީން އެވެ. މީގެ ތެރެއިން އަމީން އާއި މަލީހު އަކީ ޑރ. ޖަމީލްގެ ވަރަށް އަރިސް އަދި ވަރަށް ގިނަ އަހަރުތަކެއް ވާންދެން އެކުގައި މަސައްކަތްކުރައްވައިފައިވާ ބޭފުޅުންނެވެ.

ޑރ. ޖަމީލުގެ ޓުވީޓުގައި ވަނީ ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން ވަކި ބަޔަކަށް އަމާޒުކޮށް މިފަދަ ލިޔުމެއް ޝާއިއުކުރީތީ ފާޑުވިދާޅުވެފަ އެވެ.

"ވަޒީރުންގެ މަޖިލީހުގެ ވަކި ބަޔަކަށް އަމާޒުކޮށް ފާޑުކިޔަނީ ކޯލިޝަން ބައިބައިކުރަން. ދެން ތިބި ފަރާތްތަކާ މެދު ކިޔާނެ އެއްޗެއް ނެތީތޯ؟" ޑރ. ޖަމީލުގެ ޓުވީޓުގައި ސުވާލުކުރައްވައިފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް އައްޔަން ކުރެއްވި ބައެއް ބޭފުޅުންނާ މެދު އާންމުންގެ ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ. އޭގެ ތެރޭގައި ޖޭޕީގެ އިތުރުން އެހެން ޕާޓީތަކުން އައްޔަން ކުރި ބޭފުޅުންނަށް ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ ފުޅާ ކޯލިޝަނަކުން މިއަށްވުރެ ގާބިލު އަދި ނަޒާހަތްތެރި ކެބިނެޓެއް ނެގޭނެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟