ބޮލީވުޑް

ސްޓްރީޓް ޑާންސާ ތްރީޑީގައި ނޯރާގެ އިސްތަށިގަނޑުގެ އަގު 2.5 ލައްކަ އިންޑިއަން ރުޕީސް

ސްޓްރީޓް ޑާންސާ ތްރީޑީގެ ލަވަ "ގަރްމީ" ރިލީސްކުރުމާއެކު އެލަވައިގާ ނޯރާ ފަތޭހީގެ ނެށުމަށް ދަނީ ތައުރީފު އޮހެމުންނެވެ. ނެށުމަށް ހާއްސަކޮށްގެން ހަދާ އެ ފްރެންޗައިޒް ފިލްމުގައި ނޯރާގެ އިސްތަށިގަނޑުގެ އަގު 2.5 ލައްކަ ރުޕީސްއަށް އަރާކަމަށްވެއެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ނޯރާ ބުނީ، ފިލްމުގައި އޭނާގެ އިސްތަށިގަނޑުގެ ޕޯނީ ޓެއިލް ލުކް (ބޯ މައްޗަށް އައްސާފައިހުރުން) އަށް ބޭނުންވާ އިސްތަށިގަނޑު ތައްޔާރު ކުރީ ސީދާ ދުބާއިން ކަމަށެވެ. އެއީ ފިލްމުގެ ޝޫޓިން އެކޮޅުގައި ކުރިއަށް ދިޔައިރު ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެންނާ މާސެލޯ (ހެޔާ އަދި މޭކަޕް އެކްސްޕާޓެއް) އަށް އަހަރެމެން ބޭނުންވާ ގޮތަށް ޕޯނީޓެއިލް ހަދައިދޭނެ މެނުފެކްޗަރާއެއް ފެނުނީ. ބޭނުންވީ ދިގު އަދި ބޯ ޕޯނީޓެއިލް ލުކެއް ދައްކަން. ޝްރައްދާ ކަޕޫރާއެކު ކުޅެންޖެހުނު ބެޓަލް ސީންތަކެއް ކަމުން އެސީނުގައި ފެންނަން ބޭނުންވީ ވަރަށް ވަރުގަދަ މީހެއްގެ ގޮތުގައި," ނޯރާ ބުންޏެވެ.

ނޯރާގެ އެ ޕޯނީޓެއިލް ލުކް އަށް ބޭނުންވާ އިސްތަށިގަނޑު ތައްޔާރު ކުރުމަށް 500 ގްރާމް އިންސާނުންގެ އިސްތަށި ބޭނުންކޮށްފައިވާ ކަމަށް ވެއެވެ.

"ނަށާއިރު ބޮލުގައި ހަރުކޮށްފައި ބަހައްޓަން ވަރަށް ބަރު ޕޯނީޓެއިލެއް އެއީ. ނަމަވެސް އަހަރެން އެކަން ކުރަން ބޭނުންވީ އެސީނަށް ބޭނުންވާ ޝަހުސިއްޔަތު އޭގެން ދައްކުވައިދޭތީ. އަދި ފިލްމުގައި ވެސް އަހަރެންގެ އެކި ލުކް ފެނިގެންދާނެ ގޮތަށް ބައްޓަން ކުރެވޭތޯ ބެލީ," ނޯރާ އިތުރަށް ބުންޏެވެ.

ރޭމޯ ޑިސޫޒާ ޑައިރެކްޓްކުރާ ފިލްމު ސްޓްރީޓް ޑާންސާ ތްރީޑީގައި ނޯރާ އާއެކު ވަރުން ދަވަން، ޝްރައްދާ ކަޕޫރު އަދި ޕްރަބޫދޭވާ މުހިންމު ރޯލުން ފެނިގެންދާނެއެވެ. ފިލްމު މިއަދު ރިލީސްކުރާނެއެވެ.