ބޮލީވުޑް

ރާއްޖެ އަކީ ދެވަނަ ގެއާ އެންމެ ގާތްކުރާ ތަން: ޕަރިނީތީ

ބަތަލާ ޕަރިނީތީ ޗޯޕްރާގެ އިންސްޓަގްރާމް އިއްޔެ ފަޅުފިލުވާލަ ދިނީ ރާއްޖޭގެ ރީތި ކަން ފެންނަ ފޮޓޯތަކުންނެވެ.

އިއްޔެ ފުރަތަމަ ޕަރިނީތީ ހިއްސާކުރި ފޮޓޯގައި ބުނެފައިވަނީ ރާއްޖެއަކީ ދެވަނަ ގެއާ އެންމެ ގާތްކުރާ ތަން ކަމުގައެވެ. އަދި ޑައިވިން ހިމެނުމުން އެއީ ޕާފެކްޝަން ކަމުގައި ބުނެފައިވެއެވެ. ފޮޓޯ ކެޕްޝަންގައި ގިލިލަންކަންފުށި ރިސޯޓަށް ވެސް ތައުރީފުކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރިއިރު އޭނާއަށް އެކި ގޮތް ގޮތުން ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ،

ދެވަނަ ފޮޓޯގައި ޕަރިނީތީ ފެނިގެން ދަނީ ހަމޮކް އެއްގައި އިންނަ ތަނެވެ.

އިއްޔެ މި ފޮޓޯތައް ޕަރިނީތީ ހިއްސާކޮށްފައިވި ނަމަވެސް މިވަގުތު ޕަރިނީތީ ހުރީ ރާއްޖޭގައި ކަމެއް ނުވަތަ މިއީ ކުރިން ފަހަރެއްގައި ޗުއްޓީހޭދަ ކުރިއިރު ނަގާފައިވާ ފޮޓޯތަކެއް ކަމެއް ޔަގީންވާ ގޮތެއް ނުވެއެވެ.

ނަމަވެސް ބޮލީވުޑް ތަރިންގެ މެދުގައި ރާއްޖެ މަގްބޫލު މަންޒިލަކަށް ވެފައިވާތީ މިއީ ފަތުރުވެރިކަމުން ރާއްޖެއަށް އިތުރު ކުރިއެރުން ލިބުމަށް މަގުފަހިވާ ކަމެކެވެ.

ޕަރިނީތީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކޮމެޑީ ޑްރާމާއެއް ކަމަށްވާ "ޖަބޭރިޔާ ޖޯޑީ' އިންނެވެ. މެގާ ސްޓާ ޕްރިޔަންކާ ޗޯޕްރާގެ ކޮއްކޮ ޕަރިނީތީ ދެން އެންމެ އަވަހަށް ފެނިގެންދާނީ އިންޑިއާގެ މަގުބޫލު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ބަޔޯޕިކުންނެވެ.