ބޮލީވުޑް

ބައިނަލް އަގްވާމީ ލަގްޒަރީ ބްރޭންޑެއްގެ އިސްތިހާރެއް ކުޅޭ ފުރަތަމަ ބޮލީވުޑް ތަރިޔަކަށް ދީޕިކާ

ބޮލީވުޑްގެ ރާނީ ދީޕިކާ ޕަޑުކޯން މިވަނި ތާރީހުގެ ތެރެއަށް އަނެއްކާވެސް ވަދެފަ އެވެ. އެ ބަތަލާއަށް މިވަނީ ލަގްޒަރީ ބްރޭންޑް ލުއި ވިޓޯން ގެ އިސްތިހާރުން ޖާގަ ލިބިފައެވެ. މިއީ ބޮލީވުޑްގެ ތަރިޔަކަށް ބައިނަލް އަގްވާމީ ލަގްޒަރީ ބްރޭންޑެއްގެ އިސްތިހާރެއް ކުޅުމަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ލުއި ވިޓޯންގެ މިއަހަރުގެ ޕްރީ ފޯލް 2020 ކެމްޕެއިންގައި ވަނީ ހޮލީވުޑްގެ ގިނަ މޮޑެލްތަކެއް ފެނިގެން ގޮސްފައެވެ. މިއަދު ހެނދުނު ރިލީސްކުރި މި ކެމްޕެއިން ގައި ފެނިގެންދަނީ މޮޑެލުން ލުއި ވިޓޯންގެ އެކި ޕްރޮޑަކްޓްސް އާއެކު ފިލްމުތަކުގެ ޕޯސްޓަރުތަކެއްގައެވެ.

ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއީ ދީޕިކާގެ އިތުރުން ފެޝަން ބްރޭންޑް ލުއި ވިޓޯނަށް ވެސް ލިބުނު ކުރިއެރުމެކެވެ.

ދީޕިކާ އަށް ދާދި ފަހުންވަނީ ނަފްސާނީ ދުޅަހެޔޮ ކަމަށް އޭނާ ކުރަމުންދާ މަސައްކަތަށް ވޯލްޑް އިކޮނޮމިކް ފޯރަމްގައި ކްރިސްޓަލް އެވޯޑުވެސް ލިބިފަ އެވެ.