ސާޖިދް ނަދިދްވާލާގެ ފިލްމު "ހީރޯޕަންތީ" އިން ބޮލީވުޑަށް ނުކުތް ޓައިގާ ޝްރޮފް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި މިދާއިރާގައި ހޯދާފައެވެ.
ބައްޕަ ޖެކީއާއެކު ޓައިގާ އޮން ސްކްރީނުން ފެނިގެން ދާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މީހުން ވެސް މަދެއް ނޫނެވެ. އެމީހުންގެ މި އިންތިޒާރަށް ވެސް ނިމުމެއް ގެނެސްދިނީ ޑައިރެކްޓަރު ސާޖިދެވެ.
ޓައިގާ ލީޑް ރޯލުން ފެނިގެންދާނެ ފްރެންޗައިޒް ފިލްމު ބާގީގެ ތިން ވަނަ ފިލްމަށް ތައްޔާރުވަމުން އަންނަ އިރު އެފިލްމަށް ސާޖިދް މިވަނީ ޖެކީވެސް ނަގާފައެވެ. ފިލްމުގައި ޖެކީ ފެނިގެން ދާނީވެސް ޓައިގާގެ ބައްޕަގެ ރޯލުންނެވެ. މީގެ އިތުރުން ރިތޭޝް ދޭޝްމުކް ޓައިގާގެ ބޭބެގެ ރޯލުން ފެނިގެންދާނެ އެވެ.
ފިލްމުގައި ޖެކީގެ ބައިތަކުގެ ޝޫޓިން މިދިޔަ ހޯމަ ދުވަހު މުމްބާއީގައި ފަށާފައި ވާއިރު މާދަމާއަށް އެބައިތައް ނިންމާލެވޭނެ ކަމަށް ފިލްމާ ގުޅުން ހުރި ފަރާތަކުން ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.
ޑައިރެކްޓަރު ސާޖިދް ވަނީ އިއްޔެ މީޑިއާއަށް ރަސްމީކޮށް ޖެކީ އަދި ޓައިގާ އެކުގައި ފެނިގެންދާނެ ކަމުގެ އުފާވެރި ހަބަރު ދީފައެވެ. އޭނާ ބުނި ގޮތުގައި ޓައިގާ ބޮލީވުޑަށް ނެރުމާއެކުވެސް ގިނަ ބައެއްގެ އެދުމަކަށްވީ ޖެކީއާއެކު ޓައިގާ އޮން ސްކްރީނުން ފެނިގެން ދިޔުމެވެ. ދެބަފައިން އެކުގައި ފިލްމަކަަށް ލުން ވަރަށް އުނދަގޫވި ކަމަށާއި މި ފާއިތުވި ހަ އަހަރުވެސް އެކަން ނުވެފައި އޮތީ ދެމީހުން ކުޅޭ ރޯލުތަކުގެ ތަފާތުކަމުން ކަމުގައި ސާޖިދް ބުންޏެވެ.
ޖެކީއާއި ދަރިފުޅު ޓައިގާ އެކުގައި ފެނިގެންދާނެ ފިލްމު ބާގީ ތިނެއް ރިލީސްކުރަން ހަމަޖައްސާފައި ވަނި މާޗް ހައެއްގައެވެ.