ބޮލީވުޑް ތަރިންގެ ތެރޭގައި ހިމެނޭ އަދިތްޔާ ޕަންޗޯލީ ގެ ދަރި ސޫރަޖް ޕަންޗޯލީ އަދި ސުނިލް ޝެޓީގެ ދަރި އަތިޔާ ޝެޓީ ބޮލީވުޑަށް ނުކުތުމަށް އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ ނިކިލް އެދްވާނީގެ ފިލްމެއް ކަމަށްވާ "ހީރޯ" އެވެ.
އެފިލްމް ވެގެން ގޮސްފައި ވަނީ ބޮކްސް އޮފީސްގެ ފްލޮޕް އަކަށެވެ. އޭގެ ފަހުން އަތިޔާ ވަނީ 2017 ގައި ނުކުތް ފިލްމް "މުބާރަކާން" ގައި މަސައްކަތް ކޮށްފައެވެ. ނަމަވެސް ސޫރަޖް އިތުރު ފިލްމެއް ކުޅެފައެއް ނުވެއެވެ.
މި ދެތަރިން ވެސް ފުރަތަމަ ފިލްމީ ދުނިޔެއަށް ނުކުތުމުގެ ފުރުސަތު ހޯދަދިނީ ސަލްމާން ޚާން އެވެ. ސަލްމާން ވަނީ މި ދެތަރިންގެ ބައްފައަށް އެމީހުން ފިލްމީ ދުނިޔެއަށް ނެރެދޭނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް ފުރަތަމަ ފިލްމުން ކާމިޔާބީއެއް ނުލިބުނީތީ މިހާރު ސަލްމާން ހިފާފާއި ހުރީ މި ތަރިންނަށް އެހެން ފިލްމުތަކުން ފުރުސަތު ހޯދައިދީ ފިލްމީ ދުނިޔެއަށް އަލުން ރީލޯންޗް ކުރުމަށެވެ. އެކަމު މި ފަހަރު ދެމީހުން ވަކި ވަކިންނެވެ.
ސަލްމާން ވަނީ ސޫރަޖް އަށް މިއުޒިކަލް އެކްޝަން ފިލްމެއްގެ ލީޑްރޯލު ހޯދައިދީފައެވެ. އެފިލްމްގައި ސޫރަޖް އާ އެކު ބަތަލާއަކަށް ހަރަކާތްތެރި ވާނީ ކެޓްރީނާގެ ކޮއްކޮ އިޒަބެއްލާއެވެ.
ވަރަށް ފަހުން ސަލްމާން ވަނީ އޭނާގެ ޅިޔަނު އަޔުޝް ޝަރްމާވެސް ފިލްމީ ދުނިޔެއަށް ނެރެދީފައެވެ. އަޔުޝްގެ ފިލްމް "ލަވްޔާތްރީ" ގެ ލަވަތައް ވަނީ މަގްބޫލު ވެގެން ގޮސްފައެވެ. ނަމަވެސް ފިލްމް ވަނީ ފްލޮޕްވެފައެވެ.