މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، (އެމްޕީއެލް) އިން އަންހެނުންނަށް ހާއްސަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފެށުމަށް ނިންމައި އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޕީއެލުން މިއަދު ބުނި ގޮތުގައި މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެމްޕީއެލް ހެވީ ވެހިކަލް އޮޕަރޭޓަރު ޓްރެއިނިން އަދި ބަސް އޮޕަރޭޓަރު ޓްރެއިނިން ކުރިއަށް ގެންދާނެ އެވެ.
މި ޕްރޮގްރާމަކީ ހަމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ، މަސައްކަތް ދަސް ކުރުމުގެ ފުރުސަތު ލިބިދޭނެ ޕްރޮގްރާމެއް ކަމަށް އެމްޕީއެލުން ބުނެއެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ސެޓްފިކެޓު ހާސިލްކުރާ ފަރާތްތަކަށް އެ ކުންފުނިން ދާއިމީ ވަޒީފާ ލިބޭނެ ކަމަށް ވެސް އެމްޕީއެލުން ބުނެއެވެ.
"ވުމަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ. އެ ފަރާތްތަކަކީ ގްރޭޑް 10 ނިންމާފައިވާ ފަރާތްތަކަށް ވާން ޖެހޭ ކަމަށް ވެސް އެމްޕީއެލުން ބުނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިމަހު 30 ވަނަ ދުވަހުގެ 15:00ގެ ކުރިން އެޕްލިކޭޝަން ފޯމާއި ސެޓްފިކެޓްތައް ހުށަހެޅުމަށް އެމްޕީއެލުން އެދެއެވެ.
މި ޕްރޮގްރާމުުގައި ބައިވެރިވުމަށް އެދޭފޯމު ކުންފުނީގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.