ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ވަގުތު އެންމެ ބޮޑަށް "މިސްވަނީ"، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އިރުޝާދާއި ލަފާ އަދި ނަސޭހަތްތައް ކަމަށް ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ބައްދަލުވުމަކަށް ސްރީ ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް، ސްޓްރޯކެއް ޖެހުމުން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ޑރ. މަޖީދު އަވާހަރަވީ މިއަހަރު މެއި މަހުގެ 22 ވަނަ ދުވަހުއެވެ.
އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. މަޖީދު ނެތުމުގެ ގެއްލުން ދުވަހަކު ވެސް ފޫނުބެއްދޭނެ ކަމަށެވެ.
"ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ވަގުތު އެންމެ ބޮޑަށް މިސްވަނީ އަޅުގަނޑުގެ އަޙު އަދި މެންޓަރ އަލް މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ ހެޔޮ ލަފާފުޅާއި، ނަސޭހަތްޕުޅާއި، އިރުޝާދު. އެމަނިކުފާނު ނެތުމުގެ ގެއްލުން އަޅުގަނޑަށް ދުވަހަކު ވެސް ފޫނުބެއްދޭނެ،" އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ހޯމް މިނިސްޓަރުގެ މަގާމާ ހަވާލުވުމުން ދައުލަތުގެ ކަންކަން ބޮއްސުންލާފަ އޮތް މިންވަރު އިތުރަށް ސާފުވެއްޖެ ކަމަށާއި ދައުލަތުގެ ނަޒާހަތްތެރިކަން ނެތެހެއްޓުމަށާއި ދެފުށްފެންނަ ތަހުޒީބު އުސޫލަކުން ކަންކަން ހިންގުމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެޖެންޑާ ކާމިޔާބުކުރުމަށް ކޮންމެ ގޮންޖެހުމަކާ ވެސް ކުރިމަތިލައްވާނެ ކަމަށެވެ.