އެޓަރނީ ޖެނެރަލް

އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް ރައީސް ވިދާޅުވެފައިވާތީ، ދިބާޖާ މައްސަލަ އަލުން ރިވިއުކުރަން ހުށަހަޅަން ނިންމައިފި

އިބްރާހިމް ޒަކީ

ދީބާޖާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް ރައީސް ވިދާޅުވެފައިވާތީ، އަލުން ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އެޓާނީ ޖެނެރަލް (އޭޖީ) ނިންމަވައިފި އެވެ.

އޭޖީ އޮފީހުން މިއަދު ބުނީ، ދީބާޖާގެ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާމެދު އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ. އަދި އާންމު މަސްލަހަތަަށް ރިއާޔަތްކޮށް، އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ ކަމަށްވެސް ބުނެފައި ވެއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާ އެކު 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު އޮތް ރައީސް ޔާމީންގެ ސަރުކާރުން ބާތިލުކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން ކުރި ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު އޮތީ ދަމަހައްޓައިފަ އެވެ.

އެހެންކަމުން އެ ހުކުމާ އެއްގޮތަށް ދައުލަތުން ފައިސާ ދައްކާފައި ނުވާތީ، އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ދީބާޖާ އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގެ އަޑުއެހުމެއް، މިދިޔަ ބުދަ ދުވަހަށް ތާވަލު ކުރި ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

ބަދަލުދިނުމުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް ވެސް، ކޯޓުން ބޭރުގައި އެ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން އެއްބަސްވި އެވެ. ނަމަވެސް އެކަން މަޑު ޖައްސާލާފައިވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްދިޔައިރު، ކަންތައްތަކުގައި އެ މައްސަލަ އަލުން މުރާ ކުރުމަށް އޭޖީ އަށް ދެންނެވުމަށް މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.