ފުޓްބޯޅަ

ކޮކާކޯލާ ލެޖެންޑްސް ކަޕް އަންނަ ހުކުރު ދުވަހު

ކޮކާކޯލާ ލެޖެންޑްސް ކަޕް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް)ގެ އެހީތެރިކަމާއެކު މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން އިންތިޒާމުކޮށްގެން ކުޅޭ އެ މެޗަކީ ރިޓަޔާކޮށްފައިވާ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުޅޭ މެޗެކެވެ. ނަމަވެސް އެ މެޗުގައި މިހާރު ކުޅޭ ކުޅުންތެރިންނަށް ވެސް ފުރުސަތު ލިބިގެންދާނެއެވެ.

"ކޮކާކޯލާ ލެޖެންޑްސް ކަޕް" ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރެވެ. އެ އިވެންޓުގައި ހަބޭސް ބޮޑުބެރު ގްރޫޕުގެ ހަރަކާތްތައް ވެސް ފެނިގެންދާނެއެވެ. އަދި އެ އިވެންޓުގައި ހާއްސަ ކަމެއް އިއުލާންކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

އެމްއެސްއެމް އިން ބުނީ ފާއިތުވެދިޔަ 40 އަހަރު ފުރަތަމަ ޑިވިޝަނުގައި ފެނުނު ބައެއް ތަރިން އެ މެޗުގައި ކުޅޭނެ ކަމަށާއި އެ މެޗަކީ ރާއްޖޭގެ ފުޓުބޯޅައިގެ ފޯރި އިތުރުކުރުމަށް ކުޅޭ މެޗެއް ކަމަށެވެ.