ލީކުކޮށްފައިވާ އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުގައި ބޮޑެތި އޮޅުންތަކެއް އެބަހުރި ކަމަށް ޓްރާންސް މޯލްޑިވިއަން އެއާވެސް (ޓީއެމްއޭ) އިން ބުނެފިއެވެ.
ޓީއެމްއޭ އިން ބުނީ، އެ އޮޑިޓް ރިޕޯޓަށް ބިނާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އާ ގުޅޭގޮތުން މީޑިއާތަކުގައި ދެކެވެމުންދަނީ ރަނގަޅު ނޫން މައުލޫމާތުތަކެއް ކަމަށެވެ
.
އެގޮތުން އެ ރިޕޯޓުގައި އާ ސީޕްލޭން ޓާމިނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސީދާ މެނޭޖްކޮށްގެން އާމްދަނީގެ ގޮތުގައި އަހަރެއްގެ މައްޗަށް 47.3 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ބުނެފައިވުމަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ޓީއެމްއޭއިން ބުނެއެވެ.
"މިއަދަދަކީ ޓީއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި އާމްދަނީގެ ގޮތުގައި ލިބޭނެ އަދަދަށްވުރެ އަށް ގުނަ އިތުރު އަދަދެކެވެ. އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ހަގީގީ މައުލޫމާތުގެ ބަދަލުގައި ބޭނުންކުރައްވާފައިވާ ލަފާކުރުންތަކަކީ އަސްލުކަންތައް ހިނގާނެގޮތެއް ނޫނެވެ،" ޓީއެމްއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ޓީއެމްއޭއިން ބުނީ، އާ ސީޕްލޭން ޓީމިނަލް ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ހުރިހާ ފަރާތްތަކުން ވެސް ބޭނުންކުރާނެ ކަމަށާއި އެގޮތުން އެކުންފުނީގެ ސީޕްލޭން އޮޕަރޭޝަން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޖާގަ ދިނުމަށް އެދިފައިވާނެ ކަމަށެވެ.
ނަމަވެސް އޮޑިޓް ރިޕޯޓުގެ ސަބަބުން އާންމުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ޓީއެމްއޭ އާއި އެމްއޭސީއެލްއާ ދެމެދު، އާ ޓާމިނަލްއިން ޓީއެމްއޭގެ އޮޕަރޭޝަންއަށް ބޭނުންވާ ޖާގަ އޮޕަރޭޓްކުރުމަށް ވެވިފައިވާ އެއްބަސްވުން އުވާލުމަށް ގޮވާލަމުންދާ ކަމަށާއި، އެގޮތަށް އެކަންވެއްޖެނަމަ ޓީއެމްއޭގެ އޮޕަރޭޝަންސްއަށް ބުރުއަރާ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަށް ނޭދެވޭ އަސަރުކުރުން އެކަށީގެންވާ ކަމެއް ކަމަށް ޓީއެމްއޭއިން ބުނެއެވެ.
އޭގެ އިތުރުން އޮޑިޓް ރިޕޯޓުގައި ބަޔާންނުކޮށްހުރި އަނެއް މުހިއްމު މައުލޫމާތަކީ، އާ ޓާމިނަލްއަށް ބަދަލުވާން ޖެހުމުގެ ސަބަބުން ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކުރުމަށްފަހު މިވަގުތު ޓީއެމްއޭ ބޭނުންކުރާ އިމާރާތްތަކާއި ލައުންޖުތައް ދޫކޮށްލަން މަޖުބޫރު ވެފައިވާ ކަންކަމަށެވެ. އަދި އެ އިމާރާތަކީ 18 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ޓީއެމްއޭ އިން ބުނެފައިވެއެވެ.
"އެހެންކަމުން ލީކުކުރެވިފައިވާ އޮޑިޓް ރިޕޯޓަކީ ބޮޑެތި އޮޅުންތަކެއް ހިމެނޭ ރިޕޯޓެކެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތަށް އެމްއޭސީއެލް އިން ޓާމިނަލް އޮޕަރޭޓްކޮށްގެން ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބަޔާންކުރެވިފައިވާ އޮތްއޮތުމަކީ ކުއްހީއެކެވެ،" ޓީއެމްއޭގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، (ޗަމްޕާ) ހުސެއިން އަފީފަކީ ޓީއެމްއޭގެ ހިއްސާދާރެއްކަމުގައި މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނީ ގޯސްކޮށް ކަމަށާއި އޭނާއަކީ މިހާރު އެކުންފުނީގެ ހިއްސާދާރެއް ނޫން ކަމަށެވެ.