ޑރ. މުހައްމަދު ޖަމީލް އަހްމަދު

ކޮމިޓީީގެ ނިންމުން ތަންފީޒުކުރަން ނަޝީދު އެންގެވީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ބޭނުން ކޮށްގެން: ޖަމީލު

އިބްރާހިމް ޒަކީ

ކުޑަކުދިންނަށް ޖިންސި އަނިޔާ ކުރުމުގެ މައްސަލަތަކާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމި ކަންތައްތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް އަންގަވާފައި ވަނީ، ގާނޫނު އަސާސީން ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިދޭ ބާރެއް ބޭނުން ކޮށްގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އެކަމަށް ފާޑު ވިދާޅުވެ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުޖުވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ސިޔާސަތު ކަނޑައަޅައި އިރުޝާދު ދެވޭނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ. އަދި މަޖިލީހުގެ ބާރު އޮތީ ގާނޫނުއަސާސީގެ 70ވަނަ މާއްދާގައި ކަމަށް ވެސް ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ، އަސާސީ ކަންކަންވެސް ނޭނގޭ ބޭފުޅުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެހެން ބަޔަކު ވާދަނުކުރަން ގޮވުމުން ހައިރާން ނުވާ ކަމަށެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިސްޓްސް އެންޑް ޖެންޑާ ކޮމެޓީން އިއްޔެ ނިންނި ނިންމުންތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޖެންޑާ މިނިސްޓްރީއަށް ރޭ ވަނީ އަންގަވައިފައެވެ.

ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް ޖުމުލަ ހަތް ކަމެއް ކުރުމަށް ޖެންޑާ މިނިސްޓްރީ އަށް ދެންނެވުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން އިއްޔެ ވަނީ ނިންމައިފައެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ނިންމި ކަންތައްތައް:

  • ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް (ހައި ރިސްކް ފެމިލީސް) ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހުގެ ތެރޭގައި އެކުލަވާލައި، އެކަން ރައްޔިތުންގެ މަޖިލީހަށް އެންގުން
  • ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަތުމަށް އެކުލަވާލާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މައުލޫމާތު ދިރާސާކޮށް، ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަނެ އެފަދަ އާއިލާތައް ދަފްތަރުކޮށް އެފަދަ އާއިލާތައް ގަވާއިދުން މޮނިޓާކުރާނެ ނިޒާމެއް ހަތް ދުވަހުގެ ތެރޭގައި އެކުލަވާލުން.
  • ސިޓި ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި އަދި ރަށު ކައުންސިލުތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައި ނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމާތު ދެނެގަނެ، 30 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައްޗަށް އެކުލަވާލާ ދަފުތަރުގައި އެ މައުލޫމާތު ހިމެނުން.
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މުޖުތަމައަށް ދޫކޮށްލާފައިވާ ފަރާތްތައް މިހާރުން މިހާރަށް ދެނެގަނެ، އެފަދަ މީހުން ދޫކޮށްފައިވާ ސަބަބުތައް އަލުން މުރާޖައާކޮށް، އެފަދަ މީހުން މޮނިޓާ ކުރާނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލުން.
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުއީ މަރުހަލާގައި އަވަސްކުރުމަށް ޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރައްވައި، އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަން ޖެހޭ މުއްދަތެއް ކަނޑައެޅުމާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް 30 ދުވަހުގެ ތެރޭގައި އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވުން.
  • ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތަކުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓުތަކުގެ ޕާފޯމަންސް އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހަދައި، އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ހިއްސާކުރުން.
  • 2009 ވަނަ އަހަރު ގާއިމުކުރެވުނު މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑާޓާބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުންކުރަން ފެށުން.

މިކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ނިންމާފައިވާ އެ ކަންތައްތައް އެ މުއްދަތުގެ ތެރޭގައި ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖެންޑާ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަޖިލީހުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއް ނެތި ކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.