ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތައް އިތުރުވުމަކީ ކަމާ ގުޅުން ހުރި އިދާރާތަކުން އިހުމާލުވާކަމުގެ ހެއްކެކެވެ.
ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުމަކީ ދުވަހެއް ދުވަހަކަށް ރާއްޖޭގައި އިތުރުވަމުންދާ ނުކުރައްކާތެރި މައްސަލައެކެވެ އަދި އެފަދަ ފަރާތްކަށް ފިޔަވަޅު ނޭޅޭކަމީވެސް ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުން ހައްލު ނުވެ އިތުރުވަމުންދާ ދިއުމަކީ މުޖުތަމައަށް އޮތް ނުރައްކަލެކެވެ. އަދި އެފަދަ ކަމެއް ހިނގުމުން މުޅި ގައުމު އެލާޓަށް އައިސް މުޅި ސޯޝަލް މީޑިއާގައި އެކަން ކުށްވެރިކޮށް ހިޔާލު ފާޅުކުރުމުން ދެއެވެ. އެކަން ހައްލުކުރުމަށް ސަރުކާރާއި ކަމާ ގުޅުން ހުރި އިދާރާތަކުން ވަރަށް ހަރަކާތްތެރިކަމާއެކު މަސައްކަތް ކުރަމުން ދެއެވެ. ހަމަ އެހެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށް ބަޔާންތައް ވެސް ނެރެމުން ދެއެވެ. ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ޕާޓީތަކުން ވެސް ގޮވަމުންދާ ކަމަކީ މިހާރުވެސް ފެންނަ އޮތް ހަގީގަތެކެވެ.
އެހެން ނަމަވެސް މިއަދާ ހަމަޔަށް އައިއިރު މިކަން ހައްލު ނުވެ އޮތުމަކީ ކޮންމެ ކުޑަކުއްޖަކު ވެސް ނިސްބަތްވާ އައިލާތަކުން އެކަމާ ހާސްވެ ކަންބޮޑުވާނެ ކަމެކެވެ. ރައްޔިތުން އެކަމަށް އަޑު އުުފުލުން ކެނޑެމުންދާ ވަރަކަށް ސަރުކާރާއި ކަމާ ގުޅުން ހުރި މުއައްސަސާތައް ނިދަން ތިބޭތަނަކީ އަބަދުވެސް ފެންނަމުން ދާ މަންޒަރެކެވެ. އެފަދަ ކުށުގައި ހައްޔަރު ކުރެވޭ މީހުން ކުޑަ ދުވަސް ކޮޅެއްގެ ތެރޭ އެނބުރި މުޖުތަމައު ތެރެއަށް އައުމަކީ އެކަން ހައްލުކުރުމަށް ސަރުކާރާއި ކަމާ ގުޅުން ހުރި ފަރާތްތަކުން މަސައްކަތް ނުކުރާކަން ހާމަވާ ކަމެކެވެ. ހަމަ އެހެންމެ އެފަދަ ކަންކަމަކީ ސިޔާސީ ފަރާތްތަކާއި ގާނޫނު ހަދާ ފަރާތްތަކުން ބަޔާނަކުން ކުށްވެރިކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއްވެސް ނޫނެވެ. އެފަދަ ކަންކަން ޖޯލިފަތި ތަކުގައި ބުންޏޭ ބުންޏޭ ކިޔާ އުސޫލުން ކިޔުން ދޫކޮށް ފަރުދީ ޒިންމާ ނަގަން ޖެހެ އެވެ.
ކަން މިހެން ހުރިއިރު އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބުދޭން ނިންމާފައި ނުވުމަކީ އެކަން ނުހުއްޓި ކުރިއަށް ގެންދަން ލިބޭ ހިތްވަރަކަށް ނޫނީ ނުވެއެވެ. އަދަބު ލުއިކުރުމުގެ ގޮތުން މައާފުދީ މުޖުތަމައު ތެރެޔަށް ދޫކޮށްލުމަކީ ހެދޭ ގޯހެކެވެ. އެފަދަ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ނުދެވުމަކީ ސުވާލު އުފެދޭ ކަމެކެވެ. އެ ފަރާތްތަކަށް ފަސޭހަ ކަމާއެކު މުޖުތަމައަށް އެބުރި އާދެވުމަކީވެސް ސުވާލު އުފައްދަން ޖެހޭ ކަމެކެވެ.
ކޮންމެއަކަސް މިފަދަ ލާއިންސާނީ އަމަލުތަކާ ކުރިމަތިލާ ފަރާތްތަކާއި އެ އައިލާތައް އުފުލާނެ ވޭނާއި ތަކުލީފު އިހުސާސް ކުރެވޭނީ އެފަދަ ކަމެއް އަމިއްލަ އާއިލާއަށް ކުރިމަތި ވުމުންނެވެ. މާދަމާ ވެސް އަމިއްލަ އާއިލާގެ ކުއްޖަކަށް މި ހާލަތު ދިމާ ވެދާނެކަމަށް ދުރާލައި ވިސްނާށެވެ. ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކަށް އަންގައި އެކަން ކުރުމަށް ޕްރެޝަރު ކުރަން ޖެހެއެވެ. ހަމައެކަނި އެކަން ކުށްވެރިކޮށް އެފްބީ ސްޓޭޓަސް ބަދަލުކުރުމުގެ ބަދަލުގައި އެކަން ކޮޅެއްގައި ޖެހެންދެން ޕްރެޝަރު ކުރަން ޖެހެއެވެ. ރައްޔިތުންގެ ވޯޓުން ހޮވާފައިވާ މެންބަރުން ކައިރީ އެކަން ކުރުމަށް މަޖުބޫރު ކުރަން ޖެހެއެވެ. ނޫނީ މާދަމާ އަމިއްލަ ދަރިފުޅު ނުވަތަ އާއިލާގެ މެންބަރަކު ލައިންސާނީ ފަރާތެއްގެ ޝިކާރައަކަށް ވެގެން ގޮސްދާނެއެވެ. ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގައި މުޖުތަމައު އޮތީ އެހާލަތުގަ އެވެ.