އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)

އައިއޭސީގެ ސަވައިވިން ވިންޓާ ޕްރޮޖެކްޓުގެ މުއްދަތު އިތުރުކޮށްފި

މަރިޔަމް ޝަހުދާ

ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް "ސަވައިވް ވިންޓާ" ގެ ނަމުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ފެށި އެހީ ޕްރޮޖެކްޓުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފަލަސްތީން، ޔަމަން، ބަންގްލަދޭޝް އަދި ސީރިއާއަށް އެހީތެރިވުމުގެ ގޮތުން އައިއޭސީން ކުރިއަށް ގެންދާ މި ކެމްޕެއިން ކުރިން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި އޮތީ މި މަހު 15ގެ ނިޔަލަށެވެ. ނަމަވެސް މި މުއްދަތު އައިއޭސީން މިހާރު ވަނީ އަންނަ މަހުގެ ފަހެއްގެ ނިޔަލަށް އިތުރުކޮށްފައެވެ.

އައިއޭސީން މައުލޫމާތު ދިން ގޮތުގައި މި ކެމްޕެއިންގެ ދަށުން ގާޒާއަށް މިހާރު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ ތުރުކީގައި ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ޕަލަސްތީނިއަން އިންޓަނޭޝަނަލް ޗެރިޓަބަލް އޯގަނައިޒޭޝަން ގެ އެހީތެރިކަމާއެކު ކަމަށް އައިއޭސީން ބުނެއެވެ.

މި ކެމްޕެއިނުގެ ފަރާތުން ފަލަސްތީނަށް އެހީ ފޯރުކޮށްދިނުމަށް ހަމަޖައްސާފައި ވަނީ ރަހްމާ ވޯލްޑްވައިޑް، އަލް ފަލާހް އަދި އޭޝިއާ ޗެރިޓީގެ އެހީތެރިކަމާއެކު ކަމަށް ވެސް އައިއޭސީން ބުނެއެވެ. އަދި ޔަމަން، ބަންގްލަދޭޝް އަދި ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަަޖައްސާފައިވަނީ އައިއެޗްއެޗް ޓާކީގެ އެހީއާއެކު ކަމަށް އައިއޭސީން ބުނެއެވެ.

އައިއޭސީން ބުނީ މި ހަތަރު ގައުމަށް އެހީވުމަށް ވަކި ހަތަރު އެކައުންޓެއް ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި މި ކެމްޕެއިނުން ލިބޭ އެހީން ފިނި މޫސުމުގައި ލާ ހެދުން، ހީޓާ ޕްރޮޖެކްޓްސްގެ އިތުރުން ކާ އެއްޗެހި އަދި ބޯހިޔާވަހިކަން މި ހަތަރު ގައުމުގައި ހާލުގައި ޖެހިފައި ތިބި މީހުނަށް ފޯރުކޮށްދޭނެ ކަމަށެވެ.

މި ކެމްޕެއިނާ ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 އަށް ގުޅައިގެން މައުލޫމާތު ލިބޭނެ ކަމަށް އައިއޭސީން ބުނެއެވެ.