(13 ޖެނުއަރީގެ އަދަދާ ގުޅޭ)
قيس ޖަވާބުދެއްވިއެވެ. މަދީނާއިން ލަޝްކަރެއް އަންނަކަމުގައިވާނަމަ އެބައިމީހުނާ އިސްތިޤްބާލު ކުރުމަށްޓަކައި އަޅުގަނޑަށް އެއްމަންޒިލުގެ ބަދަލުގައި ތިންމަންޒިލަށްވެސް ދަތުރުކުރެވިދާނެއެވެ. އެކަމަކު އިހަށް ވިދާޅުވެބައްލަވާށެވެ. އަޅުގަނޑުގެ ކޮއްކޮގެ ދަރިކަލުން ކޮބައިތޯއެވެ؟"
"މާބެއެވެ! އަޅުގަނޑު މިހިރީއެވެ." حسّان ދާދިކައިރިން ވޮލަންޓިޔަރުންގެ ޖަމާޢަތެއްގެ ތެރެއިން ނުކުމެވަޑައިގަންނަވަމުން ޖަވާބުދެއްވިއެވެ.
قيس حسّان އާ ސަލާމްކުރެއްވުމަށްފަހު ލޯބިފުޅުން އޭނާގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަމުން ވިދާޅުވިއެވެ. "ދަރިފުޅު މާބެދެކެ ނުޤަބޫލުވެގެން ފިލައިގެން އަތުވެއްޖައީމުއެވެ. ނަމަވެސް މާބެ ދަރިފުޅަށް ޝުކުރުވެރިވަމެވެ. ދަރިފުޅު މުސްކުޅިޔަކު ހަލާކުން ސަލާމަތްކޮށްފީމުއެވެ."
حسّان ޖަވާބުދެއްވިއެވެ. "އަޅުގަނޑުވެސް މާބެއަށް ޝުކުރު ދަންނަވަމެވެ. އަޅުގަނޑު މަގުގެއްލިގެން އުޅެމުންދިޔައީ މާބެގެ އަރިހަށެވެ. އެދުވަހު މާބެގެ ގެއިން مثــنّـى بــن حــارثـــة އާ ބައްދަލުނުވެވުންނަމަ މިއަދު އަޅުގަނޑަކަށް މިތާކު ނުހުރެވުނީހެވެ."
قيس مثــنّـى އާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑުގެ ކޮއްކޮގެ ދަރިކަލުންވަނީ ރޫމީންނާއި އީރާނީންގެ ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންފައެވެ. ކަލޭގެފާނު އަޅުގަނޑުގެ ރަށަށް ވަޑައިގެންނެވިއިރު އަޅުގަނޑުގެ އެކުވެރީންނަށް ދީފައިވާ ޚަބަރަކީ އަޅުގަނޑުމެން މުސްލިމުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މިޒުވާނާ އަޅުގަނޑުގެ ޤަބީލާއަށް މަގުދައްކާނެކަމުގެ ޚަބަރެވެ. މިހާރު އިސްލާމްދީނުގެ ދިދަ އުފުލުމަށްފަހު އަޅުގަނޑު ކަލޭގެފާނަށް ދަންނަވަން ބޭނުމެވެ. މީނާއާ އެހެން މަސްއޫލިއްޔަތެއް ޙަވާލުކުރައްވައިފައި ނުވާނަމަ އަޅުގަނޑުގެ ޤަބީލާއަށް މީނާ ބޭނުމެވެ."
مثــنّـى ޖަވާބުދެއްވިއެވެ. "އަޅުގަނޑު އަދި އޭނާ އިމްތިޙާނެއް ނުކުރަމެވެ. ނަމަވެސް އަޅުގަނޑު ޔަޤީންކުރާގޮތުގައި އޭނާ ކަލޭގެފާނު މާޔޫސެއް ނުކުރައްވާނެއެވެ."
އޭގެ އަނެއްދުވަހު އިރުއޮއްސުމުގެ ގަޑިއެއްހައިއިރު ކުރިން ޖުވާޘާއާ އެއްމަންޒިލް ދުރުން مثــنّـى އާއި އެކަލޭގެފާނުގެ އެކުވެރީން عَلاء بن الحضرمى ގެ ލަޝްކަރާ ބައްދަލުކުރައްވައިފިއެވެ. ތަމީމުވަންހައާއި ޙުނައިފަތުވަންހައިގެ މީހުންކުރެ އެވަންހަތައް މުރުތައްދުވީ ދުވަސްވަރު އިސްލާމްދީންމަތީ ސާބިތުވެތިބި ޢާއިލާތަކުގެ ވޮލަންޓިޔަރުންވެސް އެލަޝްކަރުގައި ހިމެނެއެވެ. އެބައިމީހުން މަދީނާއިން އައި ލަޝްކަރާ ބައްދަލުކުރީ މަގުމަތީންނެވެ. އެބައިމީހުންގެ އިތުރަށް ޔަމަންކަރައިގެ ބޮޑުންކުރެ ބައެއްބޭފުޅުންވެސްވަނީ އެބޭފުޅުންގެ ޤަބީލާތަކުގެ މީހުނާއެކު عَلاء بن الحضرمى ގެ އަރިހަށް ވަޑައިގެންފައެވެ.
عَلاء بن الحضرمى رضى اللّـه عنــه އެރޭގެ އިރާކޮޅު އެކަލޭގެފާނުގެ ލަޝްކަރުގެ އޮފިސަރުންނާއެކު ދުޝްމިނުންނާ ޙަމަލަދެއްވާނެ ގޮތަކާމެދު ބަޙުޘްކުރެއްވިއެވެ. مثــنّـى بــن حــارثـــة رضى اللّـه عنــه އެފޭލިގެއަށް ވެދެވަޑައިގެން ނިޔާކަނޑައެޅުއްވުމުގެ ރާގުގައި ވިދާޅުވިއެވެ. "އަޅުގަނޑުމެން ބާޣީންނާ ޙަމަލާދޭނީ އަދި މާދަމާ ހެނދުނަކު ނޫނެވެ."
ހާޒިރުވެވަޑައިގެން ތިއްބެވި ބޭކަލުން ޙައިރާންފުޅުކަމުގެ ބެއްލެވުމަކުން مثــنّـى ގެ މޫނުފުޅަށް ބައްލަވާން ފައްޓަވައިފިއެވެ. އެންމެފަހުން عَلاء بن الحضرمى ވިދާޅުވިއެވެ. "ދުޝްމިނުންގެ ޢަދަދު ގިނަކަމުން ބަޙުރައިނުގެ ސިންގާ ކަންބޮޑުވެވަޑައިގަތުމަކީ އެކަށީގެންވާ ކަމެއްތޯއެވެ؟"
مثــنّـى ހަމަޖެހިވަޑައިގަތުމާއެކު އިށީނދެވަޑައިގެން ޖަވާބުދެއްވިއެވެ. "މިހަނގުރާމައިގައި އަޅުގަނޑުމެންނަށް ފަތަޙަ ލިބިއްޖެކަން އަޅުގަނޑަށް ޔަޤީންވެފައި ނުވާނަމަ ރޭގަނޑުގެ އަނދިރިކަމަކަށްވެސް އަޅުގަނޑުގެ ކަނޑި އުރަޔަށްލާކަށެއް މަޖުބޫރެއް ނުކުރެވުނީހެވެ. އަޅުގަނޑު އެދެނީ ބާޣީންނަށް އެބައިމީހުން ބަލިވެއްޖެކަމަށް އިޢުތިރާފުވާނެ ފުރުޞަތު ދިނުމަށެވެ. ހަމައެފަދައިން ބާޣީންގެ ތެރެއިން ވީހައިވެސް ގިނަބަޔަކު އަޅުގަނޑުމެންގެ އަތުން ޤަތުލުނުވެ ސަލާމަތްވުމަކީވެސް އަޅުގަނޑުގެ އެދުމެކެވެ. އެބައިމީހުން މަގުފުރެދުމުން އެއްކިބާވެ އަޅުގަނޑުމެންނާ ބައިވެރިވުމަށެވެ. އަޅުގަނޑުމެން އެބައިމީހުންނަށް ކާބޯތަކެއްޗާއި ޢަސްކަރީއެހީ ލިބޭނެ މަގުތައް ބަންދުކޮށްލާނީއެވެ. އެއަށްފަހު މަޑުމަޑުން ޙަމަލަދެމުން ގެންދިއުމުން އޭގެތެރެއިން ގިނަމީހުން حـطـم بـن ظبـيعــة ދޫކޮށްލައިފައި ފިލައިގެން ހިނގައިދާނެއެވެ. އެއަށްފަހު އެންމެ ޙަމަލައަކުންވެސް އަޅުގަނޑުމެންނަށް حـطـم ގެ އެކުވެރީންކުރެ ބާކީތިބޭ މީހުން ސުންނާފަތި ކޮށްލެވިދާނެއެވެ. އަޅުގަނޑުމެންނަށް މާވަރުގަދަ ޙަމަލައެއްދޭން ނުޖެހުމަކީވެސް ދުރުކަމެއް ނޫނެވެ. މިއަދު އަޅުގަނޑުމެންގެ ދުޝްމިނުންކަމުގައި އެތިބަމީހުން މާދަމާ ދިޖުލަތުކޯރާއި ފުރާތުކޯރުގެ ވާދީތަކުގައި ދަތުރުކުރަމުންދާ އިސްލާމީ ލަޝްކަރުގެ އިސް ލަޝްކަރުގެ މުޖާހިދުން ކަމުގައިވުމަކީ ތިމާމެންނަށް ލިބޭ ފަޚުރެއްކަމުގައި އިޙްސާސްކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަޅުގަނޑު ދެކޭގޮތުގައި ޢަރަބީންގެ މުސްތަޤްބަލު އިސްލާމްދީނުގެ މުސްތަޤްބަލާ އަދި ޢަރަބީންގެ މުސްތަޤްބަލު ބަޙުރައިންގެ މުސްތަޤުބަލަކާ ވަތްކެއް ނުކުރެވޭނެއެވެ. އަޅުގަނޑުމެން ޢަރަބިކަރައިގެ ބޭރުން ހަނގުރާމައިގެ އާމައިދާންތަކާ ކުރިމަތިލާއިރު ހަމައެކަނި ބަޙުރައިނުގެ އަހުލުވެރީންނެއް ނޫނެވެ. ޢިރާޤުގެ ޢަރަބި ޤަބީލާތައްވެސް އަޅުގަނޑުމެންނާ ބައިވެރިވާނެއެވެ. ޙިޖާޒުގެ ޤާފިލާ އީރާނުގެ ތަނަވަސް ސަރަޙައްދަށް ވަދެގެންދާއިރު އަޅުގަނޑުމެންނަށް ފެންނާނީ ޙައްޤަށް ލޯބިކުރާ މީހުން އެތާނގައިވެސް އަޅުގަނޑުމެން އާދޭތޯ މަގުބަލަބަލައި ތިއްބައެވެ. އަޅުގަނޑުމެންނެކޭ ދިމާވާ ކޮންމެ ފެންގަނޑެއް އޭގެބަނޑުދަށުލަމުން ދެމިގެންދާ ކޯރެކޭ އެއްގޮތްވާނެއެވެ. ބަޙުރައިނުގައި އިސްލާމީދިދަ ވިހުރުވުމަށްޓަކައި އަޅުގަނޑުމެން އިތުރު ލޭތަކެއް އޮހޮރާކަށް ބޭނުމެއްނޫނެވެ. حـطـم بـن ظبـيعــة އަކަށް ދެނެއް އާ އެކުވެރިއަކު ނުލިބޭނެއެވެ. އޭނާގެ ކުރީގެ އެކުވެރިންވެސް ދެންދާނީ އެކަކަށްފަހު އަނެކަކު އޭނާއާ ވަކިވަމުންނެވެ. އޭނާ ބަޣާވަތުގެ ދިދަ އުފުލީ އޭނާގެ އަމިއްލަ ބާރަށްވުރެ ބޮޑަށް އީރާނު މީހުންގެ އެހީގެ މައްޗަށް އިތުބާރުކޮށްގެންނެވެ. އީރާނުގެ ދާޚިލީ ކަންތައް މިހާރުހުރީ ބަޙުރައިނުގައި އަޅުގަނޑުމެންނާ ބެހޭންކެރޭކަހަލަ ގޮތަކަށެއް ނޫނެވެ."
ބަނޫ ޢަބްދުލްޤައިސުގެ ރައީސެއް ވާހަކަދައްކަވަން ފެއްޓެވިއެވެ. "މުރުތައްދުވީ މީހުން އަޅުގަނޑުމެންނަށް ކޮށްފައިވަނީ ބަޔާންނުކުރެވޭފަދަ އަނިޔާތަކެކެވެ. އެހެންކަމާއެކުވެސް އަޅުގަނޑު مثــنّـى بــن حــارثـــة ގެ ވާހަކަފުޅަށް ތާއީދުކުރަމެވެ. އަޅުގަނޑުމެން ފުރިހަމަ ބާރާއެކު ޙަމަލަދޭންވާނީ ބާޣީން ތައުބާވުމުގެ އެއްވެސް އުންމީދެއް ނެތްހިނދެއްގައެވެ. އަޅުގަނޑަށް ޔަޤީނެވެ. އަޅުގަނޑުމެންނަށް ފުރިހަމަޔަށް އެބައިމީހުން ޙިޞާރުކޮށްލެވެނިކޮށް ހަނގުރާމައިން ބަލިވުމުގައި حـطـم އާ ބައިވެރިވާނީ ދާދިމަދު މީހެކެވެ."
عَلاء بن الحضرمى رضى اللّـه عنــه، مثــنّـى އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ކަލޭގެފާނަށްވުރެ ރަނގަޅަށް ބަޙުރައިނުގެ ކަންތައްތައް އެނގޭނެ އެކަކުވެސް ނުހުންނާނެއެވެ. ކަލޭގެފާނުގެ ޚިޔާލުފުޅަކީ ތިޔައީކަމުގައިވާނަމަ އަޅުގަނޑު ދުވަސްކޮޅަކު އިންތިޒާރު ކުރާނަމެވެ."
ދެދުވަހެއްގެފަހުން حـطـم بـن ظبـيعــة ތަޙައްމަލްކުރަމުން ގެންދިޔައީ އޭނާ ބަނޫ ޢަބްދުލްޤައިސުގެ މުސްލިމުން ޙިޞާރުކޮށްގެން އުޅުނުއިރު އެބައިމީހުން އުފުލި އުނދަގޫތަކެވެ. މުޢަސްކަރުގައި ތިބި އޭނާގެ އެކުވެރީން ދުވަހެއް ދުވަހަކަށްދިޔައީ މަދުވަމުންނެވެ. އެއްރެއަކު حـطـم ގެ އެކުވެރީންގެ ބަޔަކު ފިލައިގެން މުސްލިމުންގެ ލަޝްކަރުތެރެއަށް އައިސްބުނީ حـطـم ގެ ގާތުގައި ދެންތިބީ މުޅިއެކު ފަސްހާސް މީހުންކަމަށެވެ. އޭގެތެރޭގައި ގިނައީ އީރާނާއި އެނޫންވެސް ބޭރުޤައުމުތަކުގެ ވިޔަފާރިވެރީންކަމުގައެވެ. އެބައިމީހުން އަދިވެސް އުންމީދުކޮށްގެންތިބީ ޢިރާޤުގައި ހުންނެވި ކިސްރާގެ ގަވަރުނަރު އެބައިމީހުންނަށް އެހީވެދެއްވުމަށް ޢަރަބި ނަސްލުގެ ލަޝްކަރެއް ތައްޔާރުކުރައްވަނީ ކަމަށެވެ. ބިދޭސީން އެރޭ އުފާފާޅުކޮށް ރާބުއިމުގައި މަޝްޣޫލުވެގެން އުޅޭވާހަކައެވެ.
އެޚަބަރު ލިބުނުތަނާ މާކަގިނައިރެއްނުވެ حـطـم ގެ ލަޝްކަރުގެ ފޭލިގެތަކުން ރާގެ މަސްތުގައިތިބި މީހުންތައް ލަވާހަޅޭކުގެ އަޑުއިވޭންފަށައިފިއެވެ. މުސްލިމުން ވަގުތުން އެބައިމީހުން ވަށައިލައި ތިންފަރާތުން ޙަމަލަދީފިއެވެ. އެބައިމީހުންނެކޭ ޠޫފާނެއްގެ ގަދަވައިގެތެރޭގައި ވަޔާބުރައިގެންދާ ކުނިފުންޏެކޭ އެއްގޮތެވެ. ރޭގަނޑުގެ އަނދިރިކަމުން އެހީހޯދައިގެން ތިންހާހެއްހައި މީހުން ކަނޑުގެ އައްސޭރިޔަށް ނުކުތެވެ. ޤަތުލުވީ މީހުންނާއި ޒަޚަމްވީ މީހުންގެ ޢަދަދު އަށެއްކަސަތޭކައަށް އަރައެވެ. ދެންތިބި މީހުން ފިލައިގެންދާން އުޅެލައިފައި އިރުއެރުމުން ހަތިޔާރު ބަހައްޓައިފިއެވެ. حـطـم بـن ظبـيعــة ގެ އިތުރުންވެސް މުރުތައްދުވީ މީހުންގެ ޒަޢީމުންކުރެ އެތައްބަޔަކުވަނީ މަރުވެފައެވެ. މިހަނގުރާމަޔަށްފަހު ބާޣީންގެ މަރުކަޒަކަށްވީ ކަނޑުގެ އައްސޭރީގައިހުރި ބޭރުގެ ވިޔަފާރިވެރީންގެ ކިއްލާއެކެވެ. ނަމަވެސް އޭގެ އަނެއްދުވަހު މުސްލިމުން އެބައިމީހުންގެ ފަހަތުން ކިއްލާއާ ދިމާޔަށް ދާންފެށުމުން ކުދިބައްތެލިފަހަރަށް އަރައިގެން ދާރީން އެވެ ކިޔުނު ޖަޒީރާއަށް ހިނގައްޖެއެވެ. މުސްލިމުން އެރޭގެ ހަތަރުދަން ހޭދަކުރީ ކައިރިއަވަށްތަކުން ބައްތެލިފަހަރު ލިބޭތޯ ބެލުމުގައެވެ. ނަމަވެސް އެބައިމީހުންނަށް އެނގުނީ ބޭރުގެ ވިޔަފާރިވެރީންގެ ނުފޫޒުގެ ސަބަބުން އެހިސާބުގެ ހުރިހާ މައްލާޙުންވެސް އެބައިމީހުންގެ ބައްތެލިފަހަރު ބާޣީންނަށް ދީފައިވާކަމެވެ.
ވިދިގެންއައިދުވަހުގެ ހެނދުނު އިރުގެ އެންމެފުރަތަމަ ދޯދިތައް ދުނިޔެމައްޗަށް ރައްދުކުރާން ފެށިއިރު އިސްލާމްދީނުގެ ޣާޒީން އަސްތަކާއި ޖަމަލުތަކަށް ސަވާރުވެގެން ކަނޑުގެ އައްސޭރީގައި ސަފުތައް ހަދަމުން ގެންދަނީއެވެ. ލަޝްކަރުގެ އަމީރާއި ކުރިޔަށްތިއްބެވި އޮފިސަރުންކުރެ މަދުބަޔަކު ފިޔަވައި އެހެން އެއްވެސް ބަޔަކަށް އެބައިމީހުންގެ މަންޒިލަކީ ކޮބައިކަމެއް ނޭނގެއެވެ. އެބައިމީހުންނަށް އެނގެނީ ހެނދުނު އެބައިމީހުން ދަތުރުފަށަން ޖެހޭނެކަމެވެ. ހެނދުނުގެ ތާޒާ ރޯޅިތައް ކަނޑުގެ ރާޅުތަކާ ސަމާސާކުރަމުން ގެންދެއެވެ. އެރާޅުތަކުގެ ބިއްދޮށުން ޖަޒީރާއެއްގެ ގަސްކަރަ ފެންނާންއޮތެވެ. ލަޝްކަރުގެ އެންމެކުރިޔަށް ތިއްބެވީ عَلاء بن الحضرمى އާއި مثــنّـى بــن حــارثـــة رضى اللّـه عنـهما އެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތައް އެދެބޭކަލުންގެ ރީތި ދެއަހުގެ ފައިގައި ބޮސްދެމުން ގެންދެއެވެ. ކުއްލިޔަކަށް ދެބޭކަލުންގެ އަސް އަނބުރައިލެއްވުމަށްފަހު ލަޝްކަރާ މުޚާޠަބުކުރައްވަން ފެއްޓެވިއެވެ. عَلاء بن الحضرمى ބާރުއަޑުފުޅުން ވިދާޅުވިއެވެ. "މުސްލިމުންގެ ހިތްވަރުގަދަ އަބްޠާލުންނޭވެ! ބަޙުރައިނުގައިތިބި މުސްލިމުންގެ ދުޝްމިނުންގެ ދިދަތައް އެކޮޅުކޮޅުން ޖެހިއްޖެއެވެ. ތިޔަބައިމީހުންގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމަށް މާތް اللّـه ފަތަޙައިގެ އިނާމު ދެއްވައިފިއެވެ. ދީނުގެ ދުޝްމިނުން މިހާރުވަނީ ދާރީންގެ ރައްކާތެރިކަން ހޯދައިފައެވެ. އެބައިމީހުންގެ ގަސްދަކީ އެރަށް އެބައިމީހުންގެ މަރުކަޒަކަށް ހަދައިގެން އަހަރެމެންނާ ހަނގުރާމަކުރުމެވެ. މިއޮތްފެންނަ ކަނޑު އެބައިމީހުންނާ އަހަރެމެންނާ ދެމެދު ހުރަސްއަޅާހައި ހިނދަކު އަހަރެމެންނަށް އެބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުދެވޭނެކަމަށް ހީކުރާކަހަލައެވެ. އެކަމަކާ އަހަރެމެން މާކަބޮޑަކަށް ފިކުރެއްވެސް ނުކުރަމެވެ. ދެތިންހާސް ބާޣީންނަކަށް އަހަރެމެންނަށް ނުރައްކަލަކަށެއް ނުވެވޭނެއެވެ. ނަމަވެސް އީރާނުގެ ހަތިޔާރަކަށްވެގެން އެބައިމީހުންނަށް ފިތުނައިގެ ދޮރު ހުޅުވިދާނެއެވެ. އަހަރެމެން އީރާނުމީހުން އެޖަޒީރާ އެބައިމީހުންގެ ކަނޑުގެ ބާރުގެ މަރުކަޒަކަށް ހެދިޔަކަ ނުދޭނޫއެވެ. މިކަނޑަށް ބާޣީންނާއި އަހަރެމެންނާ ދެމެދަކަށް ހުރަހެއް ނޭޅޭނެއެވެ." عَلاء بن الحضرمى رضى اللّـه عنــه އެހާތަނަށް ވާހަކަފުޅު ގެންދަވައިފައި ހުއްޓަވައިލެއްވިއެވެ.
ޢަރަބީންގެ މީހަކު ބުންޏެވެ. "ދާރީން ފަތަޙުކުރުމަށްޓަކައި އަޅުގަނޑުމެންނަށް ބޭނުންވާނީ ދާދިމަދު ޢަދަދެއްގެ ބައްތެލިފަހަރެވެ. އަޅުގަނޑުމެން މަސައްކަތް ކޮށްލަނިކޮށް މިހިސާބުގަނޑުގެ މަސްވެރީން އަޅުގަނޑުމެންނާ ބައިވެރިވެދާނެއެވެ."
عَلاء بن الحضرمى ޖަވާބުދެއްވިއެވެ. "ދާރީން ފަތަޙަކުރާކަށް އަހަމެންނަށް ބައްތެލިފަހަރެއް ބޭނުމެއް ނޫނެވެ. އަހަރެމެން ބިރުގަންނަހައި މިކަނޑު ފުނެއް ނޫނެވެ. ތިޔަބައިމީހުންނަށް ހިތްވަރުކުރާން ކެރިއްޖެނަމަ އަހަރެން ތިޔަބައިމީހުންނަށް އުފާވެރިކަމުގެ ޚަބަރު ދެމެވެ. ދާރީންގެ އައްސޭރީގައި މާތް اللّـه ގެ ނަޞްރު ތިޔަބައިމީހުންނަށް އެބަ އިންތިޒާރުކުރެއެވެ. އިރާދަކުރެއްވިއްޔާ އަހަރެމެން މެންދުރު ނަމާދުކުރާނީ ދާރީންގައެވެ."
مثــنّـى ހަރުއަޑުފުޅުން ވިދާޅުވިއެވެ. "މުޖާހިދުންނޭވެ! ތިޔަބައިމީހުންނަށް އަމީރުގެ އަމުރުފުޅުގެ އަޑުއިވިއްޖެހެއްޔެވެ؟"
ޖަވާބުގައި اللّـه أكبــر، اللّـه أكبــر ގެ އަޑު ގުގުމާންފަށައިފިއެވެ. އެއާއެކު مثــنّـى އާއި عَلاء بن الحضرمى އާ ދެބޭފުޅުން އަސްކޮޅު އަނބުރައިލައްވައި އަސްމަތީގައި ކަނޑަށް ފައިބައިވަޑައިގެންފިއެވެ. އެބޭކަލުންގެ ފަހަތްޕުޅުން މުޅި ލަޝްކަރު ކަނޑަށް ފައިބައިފިއެވެ. ފުމެމުންދިޔަ ރާޅުތަކުގެ ތެރެއިން އިރުގެ ދޯދިތަކަށް ފެނުނީ ފަރުބަދަތަކެއްފަދަ ވަރުގަދަ އިންސާނުންތަކެކެވެ. ތާރީޚު އަޅުގަނޑުމެންނަށް އަންގައިދެނީ މުސްލިމުން އަސްތަކާއި ޖަމަލުތަކުގެ މަތީގައި ކަނޑު ހުރަސްކުރާން ފެށުމުން ބާޣީން ފިލައިގެންދިޔައީކަމެވެ. ކޮންމެވެސް މުއައްރިޚެއްގެ ނަޒަރު މުސްލިމުންގެ އެ ބުޠޫލަތްތެރި ފިރިހެންދަރީންގެ ކެރުމާއި ޢަޒުމުގެ މަރުކަޒުކަމުގައިވާ ހިތްތަކުގެ އަޑިޔާހަމަޔަށް ފޯރިނަމައެވެ.
(ނުނިމޭ)