ގދ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެ، މިއަދު ދެ މީހަކު ހައްޔަރުކޮށްފައިވާ އިރު، މިއީ ޖިންސީ ގޯނާގެ މައްސަލައިގައި އެ ރަށުން ހަ އަހަރު ތެރޭ މުދިމުން ހައްޔަރުކުރި ތިން ވަނަ ފަހަރުކަން "ވަން އޮންލައިން" އަށް އެނގިއްޖެ އެވެ.
މި މައްސަލައިގައި މިއަދު މެންދުރުފަހު ހައްޔަރުކުރި ދެމީހުންގެ ތެރޭގައި ހިމެނެނީ ރޭޕްކުރި ކުޑަކުއްޖާގެ ބައްޕަ ފަރާތުގެ މުނި ކާފަ އާއި ކާފަ އެވެ. އޭގެ ތެރެއިން ކާފައަކީ އެރަށު މިސްކިތު މުދިމެއް ކަމަށް ވަނީ އެނގިފަ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާގެ މައްސަލައެއްގައި ކަނޑުހުޅުދޫން 2014 ވަނަ އަހަރު ވެސް މުދިމަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާއަށް އެމައްސަލައިގައި ހުކުމް ވެސް ކުރި އެވެ. ދޮން ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި 2015 ވަނަ އަހަރުވެސް އެރަށުން މުދިމަކު ހައްޔަރުކުރި އެވެ. 2015 ވަނަ އަހަރު ހައްޔަރު ކުރީ 2014 ވަނަ އަހަރު ހައްޔަރު ކުރި މުދިމެވެ. އެއީ ދޮން ދަރިފުޅަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގަ އެވެ.
ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ކަނޑުހުޅުދޫން ފެންމަތިވި އިރު، މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ އޮފިޝަލުން މިހާރު އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި ކުއްޖާ ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕް ކޮށްފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާގެ މެންބަރުން އަންނަނީ ބުނަމުންނެވެ.