އިބްރާހިމް ޒަކީ
އެމްއޭސީއެލްގެ ސީޕްލޭން ޓާމިނަލް ހިންގަން އެހެން ބަޔަކަށް ދިނުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން ވިދާޅުވެފައި މިވަނީ، އެމްއޭސީއެލްގެ ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއޭއާ ހަވާލުކުރާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ޓުވީޓެއް ކުރައްވާފައި ވަނިކޮށެވެ.
ޔައުގޫބު ވިދާޅުވީ، ދައުލަތަށް ގެއްލުންވާ ގޮތަށް އެ ޓާމިނަލް ޓީއެމްއޭއާ ހަވާލު ކޮށްފިނަމަ އެ ބަޔަކު ޖަވާބުދާރީކުރުވަން ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް ޔައުގޫބު ވިދާޅުވެފައި ވެއެވެ.
ޔައުގޫބު އެކަންބޮޑުވުން ފާޅު ކުރައްވާފައި ވަނިކޮށް، މީގެ ކުޑަ އިރުކޮޅެއް ކުރިން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސީޕްލޭން ޓާމިނަލް ހިންގުން އެއްވެސް ބަޔަކަށް ސަރުކާރުން ދިނުމަކީ ދިވެހި ދައުލަތަށް އިންތިހާޔަށް ގެއްލުން ވާނެ ކަމެއް ކަމަށެވެ.
"ސީޕްލޭން ޓާމިނަލް ހިންގުން އެއްވެސް ބަޔަކަށް ސަރުކާރުން ދިނުމަކީ ދިވެހި ދައުލަތަށް އިންތިހާޔަށް ގެއްލުންވާނެ ކަމެއް. ތިޔައީ ކުރަން ހެޔޮވާވަރު ކަމެއް ނޫން،" އަލީ ހުސެއިން ވިދާޅުވި އެވެ.
ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާފައިވާ ތަނެކެވެ.
އެތަން އެމްއޭސީއެލުން ހިންގުމުގެ ބަދަލުގައި ރާއްޖޭން ބޭރުގެ މެޖޯރިޓީ ހިއްސާ އޮންނަ ޓީއެމްއޭއާ ހަވާކު ކުރަން އުޅޭ މައްސަލައިގައި ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް މީގެ ކުރިންވެސް އެކަމާ ދެކޮޅަށް ވަނީ ވާހަކަ ދައްކައިފައެވެ.
އެ މެންބަރުން ވިދާޅުވީ ޓާމިނަލް ޓީއެމްއޭއާ ހަވާލު ކުރަނީ، އެމްއޭސީއެލަށް ބޮޑު އާމްދަނީއެއް ގެއްލޭ ގޮތަށް ކަމަށެވެ.
އެ ޓާމިނަލް ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް ހިންގުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މީގެ ކުރިން ވަނީ މަޝްވަރާ ކޮށްފައެވެ. އަދި މާލިއްޔަތު ކޮމިޓީގެ އެންގުމަށް އެކަންކަން ފާހަގަކޮށް، އޮޑިޓާ ޖެނެރަލް ވަނީ ކަމާބެހޭ ރިޕޯޓެއް ވެސް އެކުލަވާލައިފައެވެ.
ޓީއެމްއޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށް ވާއިރު އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ އޮންނަނީ، އެމެރިކާގެ ބައިން ކެޕިޓަލާއި ޗައިނާގެ ޓެމްޕަސް ގްރޫޕުގައެވެ.