އިބްރާހިމް ޒަކީ
އެމްއޭސީއެލްގެ ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއޭއާ ހަވާލުކުރާނެ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ވިދާޅުވެއްޖެ އެވެ.
އެކަމުގެ ކަންބޮޑު ވުމާއެކު ޔައުގޫބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ދައުލަތަށް ގެއްލުންވާ ގޮތަށް އެތަން ޓީއެމްއޭއާ ހަވާލު ކޮށްފިނަމަ އެ ބަޔަކު ޖަވާބުދާރީކުރުވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޔައުގޫބު ވިދާޅުވީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
އެމްއޭސީއެލްގެ ސީޕްލޭން ޓާމިނަލް މައްސަލަ މީގެ ކުރިންވެސް މާލިއްޔަތު ކޮމިޓީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މައްސަލައާ ގުޅޭ ރިޕޯޓެއް އެކުލަވައިލުމަށް ވެސް މާލިއްޔަތު ކޮމިޓީން، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތަށް މީގެ ކުރިން އެންގިއެވެ. ކޮމިޓީގެ އެންގުމަށް އޮޑިޓަ ޖެނެރަލް ތައްޔާރު ކުރެއްވި ރިޕޯޓުން އެނގޭ ގޮތުގައި ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދޭން ނިންމާފައި ވަނީ އެމްއޭސީއެލަށް މާލީ ބޮޑު އާމްދަނީއެއް ގެއްލޭ ގޮތަށެވެ.
ޓީއެމްއޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށް ވާއިރު އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ އޮންނަނީ، އެމެރިކާގެ ބައިން ކެޕިޓަލާއި ޗައިނާގެ ޓެމްޕަސް ގްރޫޕުގައެވެ.
ސީޕްލޭން ޓާމިނަލް ޓީއެމްއޭއާ ހަވާލުކުރުމުގެ ވާހަކަ މީގެ ކުރިން ދެއްކުމުން، އެމްއޭސީއެލުން ވަނީ އެކަން ދޮގު ކޮށްފައެވެ. ނަމަވެސް މިފަހަރު އަދި އެކަމާ ބެހޭގޮތުން އެފަރާތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
އެ ޓާމިނަލަކީ އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާފައިވާ ތަނެކެވެ.