ވެކްސިން ޖެހުމާ ދެކޮޅު ހަދާ މީހުންނަށް ގާނޫނީ ގޮތުން މިވަގުތު އެޅެން ހުރި ފިޔަވަޅުތައް ބަލާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
ކުދަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުން ސިއްހީ ފަރުވާއާއި ހިދުމަތްތައް ލިބިދިނުމުގައި ބަލިތަކުން ސަލާމަތްވުމަށް ޖަހަން ޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އަދި އެ ވެކްސިން ޖެހުމަށް އިއުތިރާޒުކުރުމުގެ ހައްގު މައިންބަފައިންނަށް ލިބިގެނެއް ނުވެއެވެ.
ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުދަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އޮތްގޮތަށް އަމަލުކުރަން ފެށޭނީ އަންނަ މަހުގެ 20 ވަަނަ ދުވަހު ކަމަށެވެ.
ޝަމީމް މިފަދައިން ވިދާޅުވީ ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމުކޮށް ތަސްދީގުކުރައްވާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ވެކްސިން ދިނުމަށް އިންކާރުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެތޯ ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނަމަވެސް ވެކްސިން ދިނުމަށް އިންކާރުކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެންހުރި އެހެން ފިޔަވަޅުތައް ބައްލަވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ވެކްސިން ދިނުމާ ދެކޮޅަށް ވައިބާ ގްރޫޕެއް ހަދައިގެން އާންމުންނަށް މައުލޫމާތު ދެމުން އަންނަ މައްސަލައެއް ވެސް މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށާއި ވެކްސިން ނުޖަހައި ނުވަތަ ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން އެކަން އަވަހަށް ކުރުމަށް ސަރުކާރުން މިދިޔަ ހޯމަ ދުވަހު އަންގާފައި ވާއިރު، ރާއްޖެއިން މިފަހުން ފުރަތަމަ ފަހަރަށް ހިމަބިހި ފެނިފައި ވަނީ މީސަލްސް ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކޮށް ހުރި ތިން އަހަރުގެ ކުއްޖެއްގެ ގައިންނެވެ.