ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން ޑިޒައިން އެންޑް ބިލްޑް އުސޫލުން ފަރެސްމާތޮޑާގައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާތީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފާރާތްތަކަށް ހުޅުވާލާ ކަމަށެވެ.
ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު ފައިސާ ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 12:00 އަށް ފިނޭންސް މިނިސްޓްރީންނެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މަސައްކަތުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ. ބިޑު ހުޅުވުން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.