ޖުޑިޝަލް އެޑްމިނިސްޓްރޭޝަން

މިދިޔަ އަހަރު ކޯޓުތަކަށް ހުށަހެޅި މައްސަލަތައް ނިންމި ރޭޓް 101.8 އިންސައްތައިގައި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ މުޅި ޝަރުއީ ދާއިރާގައި ހިމެނޭ ކޯޓުތަކަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތައް ނިންމި "ކޭސް ކްލިއަރެންސް" ރޭޓަކީ 101.8 އިންސައްތަ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފާއިތުވެ ދިޔަ އަހަރަކީ ޝަރޫއީ ދާއިރާއަށް އެކި ގޮތްގޮތުން ކާމިޔާބީ ހާސިލުކުރެވިގެންދިޔަ އަހަރެއް ކަމަށެވެ. އެގޮތުން އަދުލު އިންސާފު ހޯދުމުގެ މަގު ފަސޭހަ ކުރުމަށާއި އަދުލުއިންސާފުގެ އަވަސްކަމާއި އޭގެ ކޮލިޓީ މަތިކުރުމަށާއި، އަދުލުއިންސާފު ފޯރުކޮށްދޭ އިދާރާތަކުގެ ގަވަނަންސް އާއި ޖަވާބުދާރީވުން ހަރުދަނާ ކުރުމުގެ އިތުރުން ފަނޑިޔާރުންނާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކޮށް އަދި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މަސްއޫލު އިދާރާތަކުގެ ގުޅުން ވިލަރެސްކޮށް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވިފައިވާ ކަމަށް ޑިޖޭއޭ އިން ބުންޏެވެ.

ޑީޖޭއޭ އިން ބުނީ މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅުނު މައްސަލަތައް ހަލުވިކަމާއި އަވަސްކަމާއެކު ނިންމުމަށް ކޯޓުތަކުން ވަނީ މިންނެތް މަސައްކަތްތަކެއް ކޮށް ކާމިޔާބީތަކެއް ހާސިލުކޮށްފައި ކަމަށެވެ. މިދިޔަ އަހަރު ރާއްޖޭގެ މަތީ މަރުހަލާ ކޯޓުތަކަށާއި، ސުޕީރިއާ ކޯޓުތަކަށް ޖުމަލް 10361 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޑީޖޭއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރު ނިމުނު އިރު އެ ކޯޓުތަކުގައި ނުނިމިހުރި 5862 މައްސަލައަކާއެކު ޖުމްލަ 16223 މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ. އެ 16223 މައްސަލައިގެ ތެރެއިން 10724 މައްސަލަ ވަނީ ނިމިފައި ކަމަށް ޑީޖޭއޭ އިން ބުންޏެވެ. ޝަރުއީ ކޯޓުތަކުގެ މަސައްކަތް މިންކޮށް ވަޒަންކުރުމަށް ގެންގުޅޭ "ކޭސް ކްލިއަރެންސް ރޭޓް" އަށް ބަލާއިރު، މިދިޔަ އަހަރު އަލަށް ހުށަހެޅުނު މައްސަލަތަކުގެ ޖުމުލައަށް ވުރެ، އެއަހަރު ނިމުނު މައްސަލަތަކުގެ ޖުމުލަ ގިނަ ކަމަށް ވާތީ، މަތީ ކޯޓުތައް އަދި ސުޕީރިއާ ކޯޓުތަކުގެ މިދިޔަ އަހަރުގެ ކޭސް ކުލިއަރެންސް ރޭޓަކީ 103.5 އިންސައްތަކަމަށް ޑީޖޭއޭ އިން ބުންޏެވެ. އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 8.6 އިންސައްތައިގެ ކުރިއެރުމެކެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު މިދިޔަ އަހަރު އަލަށް ޖުމުލަ 10624 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޑީޖޭއޭއިން ބުންޏެވެ. 2018 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓުތަކުގައި ނުނިމި ހުރި 4284 މައްސަލައާއެކު، ޖުމުލަ 14908 މައްސަލަ މައްސަލަ މިދިޔަ އަހަރު މެޖިސްޓްރޭޓް ކޯޓުތަތަކުގައި ވަނީ ހިންގާފައެވެ. ޑީޖޭއޭ އިން ބުނީ އޭގެ ތެރެއިން 10634 މައްސަލަ ނިމިފައިވާތީ މިދިޔަ އަހަރުފެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޭސް ކްލިއަރެންސް ރޭޓް ހުރީ 100.1 އިންސައްތައިގައި ކަމަށެވެ. އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 0.5 އިންސައްތަ ކުރިއެރުމެކެވެ.

ޑީޖޭއޭ އިން ބުނީ މަތީ މަރުހަލާ ކޯޓުތަކަށާއި، ސުޕީރިއާ ކޯޓުތަކުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތައް އެއްކޮށް މުޅި ޝަރުއީ ދާއިރާގައި ހިމެނޭ ކޯޓުތަކުގެ މިދިޔަ އަހަރުގެ ކޭސް ކްލިއަރެންސް ރޭޓަކީ 101.8 އިންސައްތަ ކަަމަށެވެ. އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 4.5 އިންސައްތައިގެ ކުރިއެރުމެކެވެ.

އަމާޒަކީ މި އަހަރަކީވެސް ޝަރުއީ ދާއިރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ހަލުވި ވެގެންދާނޭ އަހަރަކަށް ހެދުން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.