މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖެއް ނ. ވެލިދޫން ހައްޔަރު ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެކުއްޖާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، މަސްތުވާތަކެތީގެ ވިޔަފާރި ވެލިދޫގައި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ ކުއްޖާ ހައްޔަރު ކުރީ އިއްޔެ 14:00 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
އެ ކުއްޖާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ ކުއްޖާ ހައްޔަރު ކުރުމަށްފަހު އޭނާ ހުރި ގެ ބަލައި ފާސްކުރުމުން އެގެއާއި ގޭގެ ގޯތިތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެގޮތުން އެ ކުއްޖާ ހުރި ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 28 ސެލޯފިންކޮޅު ފުލުހުންނަށް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެގޭގެ ގޯތި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 266 ސެލޯފިންކޮޅު ވަޅުލާފައި ހުއްޓާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ މިހާރު ވެލިދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.