އަންގާރަ ދުވަހު ޕްރިޔަންކާ ޗޯޕްރާ ޖޮނާސް (ޕީސީ) މިވަނީ ހުރިހާ މާވެލް ފޭނުން އުފާވާނެ ކަހަލަ ހަބަރެއް ދީފައެވެ.
އިންސްޓަގްރާމުގައި ޕީސީ ކުރި ޕޯސްޓެއްގައި ވަނީ ގޭމް އޮފް ތްރޯންސްގެ ތަރި ރިޗާޑް މަޑެން އާއެކު މުޅިން އާ ސީރީޒެއްގެ މަސައްކަތް ފަށާކަމަށް ބުނެފައެވެ. އެ ސީރީޒް ޑައިރެކްޓް ކުރަނީ އެވެންޖާސް ފިލްމުތަކުގެ ޑައިރެކްޓަރުން ކަމަށްވާ "ރުސޯ ބްރަދާސް" އެވެ.
ސީރީޒްގެ ސްކްރިޕްޓާ ގުޅޭ މާބޮޑު މައުލޫމާތެއް އަދި ހިއްސާކޮށްފައި ނުވި ނަމަވެސް ސީރީޒަށް ކިޔަނީ "ސިޓަޑެލް" ކަމަށް ޕީސީ ވަނީ އިއުލާންކޮށްފައެވެ.
ބޭރުގެ ނޫހެއް ކަމަށްވާ ވެރައިޓީގައި ޝާއިއުކޮށްފައިވާ ގޮތުގައި މި ސީރީޒަށް މެކްސިކޯ، އިޓަލީ އަދި އިންޑިއާ ބަހުން އުފައްދާނެ އެވެ. ފިލްމުގެ އިންޑިއާ ސީރީޒް ހަދަނީ ރާޖް ނިދިމޮރޫ އަދި ކްރިޝްނާ ޑީކޭ އެވެ.
ޕީސީގެ މި އާ ސީރީޒް އިއުލާން ކުރުމާއެކު ފޭނުން އަންނަނީ އެއަށް އިންތިޒާރު ކުރަމުން އަންނަ ކަމަށް ބުނެ އުފާފާޅު ކުރަމުންނެވެ.