ޕޮލިސް

ގުރޫޕް މާރާމާރީއާ ގުޅިގެން އަށް މީހަކު ހައްޔަރުކޮށްފި

މުހައްމަދު ޝަހީމް

މިމަހުގެ ނުވަ ވަނަ ދުވަހު، ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތް ކުރިމަތީ ހުރި ޒުވާނަކަށް ހަމަލާދީ ގުރޫޕަކުން ހިންގި މާރާމާރީއާ ގުޅިގެން މިހާތަނަށް އަށް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުގައި މަރާމާތަށް ބަންދު ކޮށްފައިވާ ފޮރިން މިނިސްޓްރީ އިމާރާތް ކައިރީގައި މި މަހުގެ ނުވަ ވަނަ ދުވަހު ރޭ ދަންވަރު ހުރި މީހަކަށް ގުރޫޕަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މާރާމާރީއި ދިވެހި 19 އަހަރުގެ ޒުވާނަކަށް އަނިޔާ ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަށް މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެ އަށް މީހުންގެ ތެރެއިން ހަ މީހުން ހައްޔަރު ކުރީ އިއްޔެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ހިނގި މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯގައި ފެންނަނީ ޒުވާނެއްގެ ގައިގައި ގްރޫޕަކުން ފައިންނާއި އަތުން ތަޅާ މަންޒަރާއި ސައިކަލެއްގައި ގޮސް ޖައްސާ މަންޒަރެވެ.

މާރާމާރީ ހިންގި ގުރޫޕު އެ ސަރަހައްދު ދޫކޮށް ދަނިކޮށް އެ ތަނަށް ފުލުހަކު އަންނަ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.