ވެކްސިން ދިނުމާ ދެކޮޅަށް ވައިބާ ގްރޫޕެއް ހަދައިގެން އާންމުންނަށް މައުލޫމާތު ދެމުންދާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ އަހަރު ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކަމާ ބެހޭ އިދާރާތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.
"ވެކްސިން ރައްކާތެރިތަ؟" ނަމުގައި ވައިބާގައި ހިންގަމުންދާ މި ގްރޫޕުގައި މިހާތަނަށް 1841 މެންބަރުން އެބަތިއްބެވެ. މި ގްރޫޕުގައި ވެކްސިނާއި ދެކޮޅަށް މައުލޫމާތު ހިއްސާކުރަމުން ދާއިރު، އެކި ފަހަރު މަތިން އެކި މީހުން ވަނީ ވެކްސިންގެ މުހިއްމުކަން މި ގްރޫޕުގައި ހިއްސާ ކުރުމަށް މަސައްކަތް ކޮށްފައެވެ.
މި ގްރޫޕުގެ މައްސަލަ ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބަޔަކު ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަ ބިހި އަލުން ރާއްޖެއިން ފެނުމާއެކު އަލުން މި ގްރޫޕުގެ ވާހަކަ ސޯޝަލް މީޑީއާގައި ގިނަ ބަޔަލު ދަނީ ދައްކަމުންނެވެ.